ޚަބަރު

ސްޓޭޓް މިނިސްޓަރު ޞާދިޤު ޚާއްޞަވަނީ އައްޑުއަށް، މުހިންމު ބަދަލެއް!


އައްޑޫ ސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓިއެވެ. އަދި އެސިޓީއަކީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއްވެސް ސަރުކާރުން ކުރިއަށްގެންދާ ސިޓީއެކެވެ. ޚިދުމަތްތަކާއި ތަރައްޤީގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާއުން އަންނަނީ މުހިންމު ބަދަލުތައް ގެންނަވައި ކަންކަން ތަރުތީބުކުރައްވަމުންނެވެ.

އައްޑޫ ސިޓީއަކީ ގުޅިފައިވާ ރަށްތަކެއްގެ މައްޗަށް ހިމެނޭ ބިންބޮޑު ސިޓީއެކެވެ. އެސިޓީއާއި އަދި މުޅިރާއްޖެވެސް ފުރިހަމަ ލާމަރުކަޒީ އުސޫލުން ހިންގުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވައެވެ. ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ބައެއްކަންކަން ރައްޔިތުން ބޭނުންވާ އެންމެ އަވަސް ސްޕީޑުގައި ކުރިއަށް ގެންދިއުމަށް އެކި ބަދަލުިތައްވެސް ސަރުކާރުން އަންނަނީ ގެންނަވަމުންނެވެ.

އެކި ސަރަޙައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް ގާތުން ބައްލަވައި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު އައްޔަންކުރައްވާފައެވެ.

މިއީ ޚާއްސަގޮތެއްގައި އައްޑުއާއި ދެކުނުގެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދިއުމަށާއި އެފަދަ މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް ގާތުން ބައްލަވައި، ކަންކަން އަވަސްކުރެއްވުމާއި ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަށް ލިބިގެންދާނެ އިތުރު ބާރެކެވެ.

ސަރުކާރުން މިވަތު އައްޑޫ ސިޓީގައި ހިންގާ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި އެސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި މަސް ފެކްޓްރީގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ބަނދަރުތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފާހަގަކުރެވެއެވެ. ސަރުކާރުގެ ފަރާތުން މިމަޝްރޫޢުތައް ކުރިއަށްދާގޮތް ޕްލޭނިންގ މިނިސްޓްރީގެ އައު ސްޓޭޓް މިނިސްޓަރު އައްޑޫގައި ހުންނަވައިގެން ބަލަހައްޓަވަމުން ގެންދަވާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މިގޮތުން މަޝްރޫޢުތަކުގެ މެނޭޖްމަންޓު ޔުނިޓްގެ ނަމުގައި ސްޓޭޓް މިނިސްޓަރު އިސްކޮށް ހުންނަވާ ޚާއްސަ އޮފީހެއް ޤާއިމްކޮށް އެއޮފީހުން ސީދާ ސްޓޭޓް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން މަޝްރޫޢުތައް ކުރިއަށްދާގޮތްތައް ބަލަހައްޓަވާނެއެވެ. އޭގެ އިތުރުންވެސް ޕްލޭނިންގެ މަސައްކަތްތައް ސްޓޭޓް މިނިސްޓަރު ބަލަހައްޓަވާނެއެވެ.

މިއާއެކު ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޞާދިޤް ވެގެންދާނީ މާލެނޫން ރާއްޖޭގެ އެހެން ސަރަހައްދެއްގައި ހުންނަވައިގެން މަސައްކަތް ކުރައްވާނެ ސަރުކާރުގެ މިފެންވަރުގެ ފުރަތަމަ އިސް ބޭފުޅާއަށެވެ.

ދެން އުފެދޭ ސުވާލަކީ ސަރުކާރުގެ ސްޓޭޓް މިިނިސްޓަރަކު ރާއްޖޭގެ ވަކި ޞަރަޙައްދެއްގައި މަސައްކަތް ކުރުން ވެގެންދާނީ ލާމަރުކަޒީ އިސޫލުން ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކާއި ބީރައްޓެހިކަމަކަށްތޯއެވެ. ޖަވާބަކީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ބޮޑު ސިޓީއެއްގައި ހުންނެވުމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަކުގެ ތެރެއިން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަމަށް ސަރުކާރުންވަނީ ކުރިންވެސް ވިދާޅުވެފައެވެ. ރާއްޖެއަކީ ޔުނިޓަރީ ދައުލަތަކަށް ވާތީ، ލޯކަލް ކައުންސިލްތައް މައި ސަރުކާރާ ކުރަންޖެހޭ މުޢާމަލާތްތައް ގިނައެވެ. އެފަދަ ކަންކަމަށް މި ބަދަލާއެކު ފަސޭހަވެގެންދާނެއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމުގެ 3 ދައުރު ފުރިހަމަކުރައްވާފައިވާ ޢަބްދުﷲ ޞާދިޤަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަދި އައްޑޫއަށް ދިމާވެފައިވާ އެތައް މައްސަލައެއް އެންމެ ގާތުން ފެނިވަޑައިގެން ސިޓީގެ މައްސަލަތައް ތަޖުރިބާކުރެވިފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ގިނަ ކަންތައްތަކެއް ހައްލުކުރުމަށް އައު ސްޓޭޓް މިނިސްޓަރ މަސައްކަތް ކުރައްވާނެއެވެ.