ޚަބަރު

ކޯވިޑް ޖެހިގެން 54 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ


ރާއްޖެއިން އިތުރު މީހަކު ކޯވިޑް ބަލީގައި ނިޔާވެއްޖެއެވެ.

ކޯވިޑް ޖެހިގެން ނިޔާވީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ އޭނާ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލޓީގައި އެޑްމިޓްކޮށް، ފަރުވާދެމުން ދަނިކޮށް ރޭ 2:40 ހާއިރުކަމަށެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވީ 232 ވަނަ މީހާއެވެ.

ކޯވިޑްގައި ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ނިޔާވެފައިވަނީ ށ.ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިދިޔަ ސެޕްޓެމްބަރުމަހު 5 މީހުން ކޯވިޑް ބަލީގައި ވަނީ ނިޔާވެފައެވެ.

ކޯވިޑްގައި ރާއްޖެއިން އެންމެ ގިނަ ބަޔަކު ނިޔާވީ މިއަހަރު މޭމަހުގެ ތެރޭގައެވެ. މޭމަހު 80 އަށްވުރެ ގިނަ މީހުން ބަލީގައި ވަނީ ނިޔާވެފައެވެ.

ރާއްޖޭގެ ހާލަތު މިހާރު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބާލައިރު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ 71 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 85000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.