ކުޅިވަރު

މިހާރު ޓީމަށް މުހިންމީ ތިން ޕޮއިންޓް ހޯދުން - ޕެލެގްރިނީ


މެޗުގެ އެންމެ ފަހު މިނެޓްގައި ގޯލް ޖަހައިގެންނަމަވެސް މުހިންމީ މެޗުތަކުން މޮޅުވުންކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް މެނުއެލް ޕެލްގްރިނީ ބުނެފިއެވެ. ޕްރިމިއަރ ލީގުގައި ރޭ ސްވަންސީ އަތުން ދޭއް އެކަކުން މޮޅުވި މެޗަށްފަހު ޕެލެގްރިނީ ބުނީ މިހާރު ޓީމަށް މުހިންމީ ތިން ޕޮއިންޓްކަމަށެވެ. ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ބޭނުންކުރީ އެއް ކުޅުންތެރިންނެއްކަމަށާއި، އެކުޅުންތެރިންނަށް ރެސްޓް ކުރެވޭނީ ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް ހޯދިގެންކަމަށެވެ. "މުހިންމު ކުޅުންތެރިން މިހާރު ތިބީ ވަރުބަލިވެފައި، އެހެންކަމުން މިހާރު ޓީމަށް މުހިންމީ ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް، އޭރުން އެ ކުޅުންތެރިންނަށް ރެސްޓް ދެވޭނީ" ޕެލެގްރިނީ ބުންޏެވެ.ލީގުގައި ކުރިއަށް އޮތީ އާސެނަލްއާއި ދެކޮޅަށް ކުޅޭ ވަރުގަދަ މެޗް ކަމަށާއި، އެމެޗަށް ހަފްތާއެއް އޮތުމުން ކުޅުންތެރިންނަށް އެކަށީގެންވާ ވަރަށް އަރާމު ކުރަން ވަހުތު ލިބޭނެކަމަށް އުއްމީދުކުރާކަމަށް ޕެލްގްރިނީ ބުންޏެވެ. ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ އަދި ސްވަންސީގެ ކުރިމަތިލުން އެކެއް އެކަކުން އެއްވަރުވާން ދަނިކޮށް ސިޓީ މޮޅުވި މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު ސިޓީވަނީ ލީގުގެ ތާވަލްގެ އެއްވަނައަށް ވަގުތީ ގޮތުން ޖެހިލާފައެވެ.