ޚަބަރު

ބ.އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ތަންތަނުގެ ދިރުން ރަނގަޅު - ދިރާސާ


ޤުދުރަތީ ގޮތުން ހިތްގައިމު ބ.އަތޮޅުގައި ބަޔޮސްފިއަރ ރިސާވްއެއްގެ ގޮތުގައި 10 ސަރަހައްދެއް ކޯއޭރިއާގެ ގޮތުގައި ހިމަނާފައިއޮވެއެވެ. އެ އަތޮޅު ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި އޮންނަތާ މިހާރު ވަނީ 10 އަހަރު ވެފައެވެ.

ޙިމާޔަތްކޮށްފައިވާ މި 10 ސަރަޙައްދު ބެލެހެއްޓޭ މިންވަރާއި އެތަންތަނުގެ ޤުދުރަތީ ދިރުން ދަމަހައްޓައި އާލާކުރެވޭ މިންވަރު ދެނެގަތުމަށް ހެދި ސަރވޭގެ ނަތީޖާ ރަގަޅުތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އދ.ގެތިމާވެށި ޙިމާޔަތްކުރުމާބެހޭ ޖަމްޢިއްޔާ ޔުނެސްކޯއިންނެވެ.

2011ވަނަ އަހަރުގެ ޖޫން މަހުގެ 28ވަނަ ދުވަހު ބަޔޮސްފިއަރ ރިސާވްއެއްގެ ގޮތުގައި ބަ.އަތޮޅު ކަނޑައެޅިތާ 10 އަހަރު ގުނަމުން ދާއިރު އިތުރު 10 އަހަރަށް ބަޔޮސްފިއަރއެއްގެ ގޮތުގައި ބޭއްވުމަށް ހެދި ސަރވޭއިން ދައްކާގޮތުން އެސަރަހައްދުތަކުގެ ދިރުމާއި މަސްމަހާ މެއްސާއި ފަރުތަކުގެ ދިރުން ރަގަޅުކަމަށް ސާވޭގެ ރިޕޯޓުން ދައްކައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއާއި ބ.އަތޮޅު ބަޔޮސްފިއަރ ރިސާވް އޮފީސް ގުޅިގެން ކުރި މިސަރވޭގެ ނަތީޖާ ރަނގަޅެވެ. އެހެންނަމަވެސް އިތުރު 10 އަރަށް މިގޮތުގައި ދެމި އޮވޭތޯ ކަނޑައެޅުމުގެ ބާރުއޮތީ ޔުނެސްކޯގެ އަތްމަތީގައެވެ. މިތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓިކަން ކަށަވަށު ކުރުމަށާއި ފަރުތަކަށް އަންނަމުންދާ ބަދަލުތަކާއި ދިރުން އާލާވާ މިންވަރު ދެނެގަތުމަށް ހެދި ސާވޭގެ ރިވިއު ރިޕޯޓް މިދިޔަ މަހުގެ 30ވަނަ ދުވަހު ޔުނެސްކޯއަށް ވަނީ ހުށަހަޅާފައެވެ.

ސަރވޭތަކުން ދައްކާގޮތުން ކަންޑުގެ ދިރުމާއި ޙިމާޔަތްކޮށްފައިހުރި ތަންތަން ބެލެހެއްޓިފައިވާ މިންވަރު ރަގަޅުކަމަށް، މިސަރވޭ ކުރުމުގައި އިސްކޮށް އުޅުނު ތިމާވެއްޓާބެހޭ ވުޒާރާގެ، ބަޔޮސްފިއަރ ރިސާވްގެ ރިވިއު ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ސާން ވިދާޅުވިއެވެ.

ސަރވޭކޮށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ ބ.އަތޮޅުގައި ކޯއޭރިއާތަކުގެ ގޮތުގައި ޙިމާޔަތްކޮށް ބަލަހައްޓަމުންގެންދާ 10 ސަރަހައްދުގެ މައުލޫމާތެވެ. މި ސަރވޭގެ ދަށުން ބ.އަތޮޅުގެ 160 ކިލޯ މީޓަރުގެ ފަރުހިމެނޭ ސަރަހައްދެއްގެ ދިރާސާ ވަނީ ކޮށްފައެވެ.

"މިސަރވޭގައި މައިގަނޑުގޮތެއްގައި ބަލާފައިވާނީ މުރަކައިގެ ދިރުމާއި އެދިރުން އާލާވާ މިންވަރާއި ޙިމާޔަތްކޮށް ބަލަހައްޓަމުންގެންދާ ސަރަޙައްދުތައް ބެލެހެއްޓުމުގައި ޢަމަލުކުރުމަށް ހަދާފައިވާ އުސޫލާ އެއްގޮތައް ޢަމަލުކުރޭތޯއާއި، މަސްމަހާ މެހި އާލާވާމިންވަރަށް މައިގަނޑުގޮތެއްގައި ބަލާފައިވާނީ" އަޙްމަދު ޝާން ވިދާޅުވިއެވެ.

2011ވަނަ އަހަރު ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވަކަށް ހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އަދި މިހާރު ތިމާވެއްޓާ ބެހޭ ވުޒާރާގެ ނާއިބު ޢަބްދުﷲ ނަސީރު ވިދާޅުވީ ބ.އަތޮޅަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ އަތޮޅަކަށް ވީހިނދު އެއަތޮޅަށް ލިބިފައި އޮތް ލަގަބު ދެމެހެއްޓުމަށް ސަރުކާރުންވެސް މަސައްކަތް ކުރައްވާފައިވާނެކަމަށެވެ.

"2011ވަނަ އަހަރު ބަޔޮސްފިއަރ އެއްގެ ގޮތުގައި ކަނޑައެޅީވެސް މިކަމުގެ ފައިދާ އަތޮޅަށް ކުރާނެކަމުގެ ޔަގީންކަމާ އެކުގައި. ޙިމާޔަތްކޮށް ބަލަހައްޓަންފެށީމަ، އަތޮޅަށް އައި ކުރިއެރުންތަކަށް ބަލާލަބަލަ، ރަށްރަށުގެ ތަރައްޤީއަށް ކޮންކަމެއްތޯ ނުވަނީ ބަޔޮސްފިއަރ ރިސާވްއަކަށް ވީމަ މިކަމުގެ ފައިދާ ކިތައް ޖަމްޢިއްޔާ ޖަމާއަތްތަކަށް ކުރިތޯ. ހަމަގައިމުވެސް މީ ލިބުނު ބޮޑު އެރުމެއް." ތިމާވެއްޓާ ބެހޭ ވުޒާރާގެ ނާއިބު ޢަބްދުﷲ ނަސީރު ވިދާޅުވިއެވެ.

މީ ބ.އަތޮޅުގެ ފަތުރުވެރިކަމުގެ ޓްރޭޑް މާކެކެވެ. ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ބ.އަތޮޅު ކަނޑައެޅުނުއިރު އޮތީ އެންމެ 6 ރިސޯޓެވެ. މިހާރު އެއަތޮޅުގައި 18 ރިސޯޓަކާއި 40އަށްވުރެ ގިނަ ގެސްޓްހައުސް އޮޕަރޭޓް ކުރަމުން އަންނަކަމީ މިކަމުގެ ސަބަބުން އަތޮޅަށް ކުރާ ފައިދާ ފެނިގެންދާކަމެކެވެ.