ޚަބަރު

ބައެއް ރަށްރަށުގައި ކޯވިޑް ކޭސްތައް އިތުރުވަނީ ސަމާލުވޭ!


ކޯވިޑްގެ ކޭސްތައް އަތޮޅުތަކުގައި އިތުރުވެ މިހާރު ބަލީގެ ނުރައްކާ މާލެ ސަރަޙައްދަށްވުރެ ބޮޑަށް އޮތީ އަތޮޅުތަކުގައެވެ. ޕޮޒިޓިވްވަމުން އަންނަ މީހުން އަތޮޅުތަކުގައި އިތުރުވަމުންދާއިރު މިވަގުތުވެސް އަތޮޅުތަކުގެ 19 ރަށެއް މޮނީޓަރިންގެ ޙާލަތުގައި އޮތްކަމަށް ހެލްތުޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތަކުގެ ރަށްރަަށުންވަނީ 80 މީހުން ޕޮޒިޓިވްވެފައެވެ. ބައެއް ރަށްރަށް މޮނީޓަރިންގއަށް ލާފައިވަނީ މިދިޔަ އޯގަސްޓްމަހުގައެވެ. މިގޮތުން ކ.ގާފަރު މޮނީޓަރިންގއަށް ލާފައިވަނީ އޯގަސްޓްމަހުގެ 20ވަނަ ދުވަހުއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އެރަށު ކައުންސިލް ރައީސް މުބައްޝިރު ޖަލީލް ވިދާޅުވީ ރަށުން ޕޮޒިޓިވްވަމުން އަންނަ ޢަދަދު ވަރަށްބޮޑަށް މަދުވެފައިވާކަމަށެވެ. އަދި މޮނީޓަރިންގއިން ނެގުމަށް ދޭންޖެހޭ ސާމްޕަލްތައް މިހާރު ނަގާފައިވާކަމަށެވެ. ނަތީޖާތައް ލިބުމާއެކު ކުރިއަށް އޮތް ދެދުވަހެއްގެތެރޭގައި އެރަށް މޮނީޓަރިންގއިން ނެގޭނެކަމަށް އޭނާ ވިދާޅުވެއެވެ.

އޯގަސްޓުމަހު މޮނީޓަރިންގއަށް ދެން ލާފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދުއާއި މަރަދޫއާއި މަރަދޫފޭދޫއާއި ފޭދޫ މޮނީޓަރިންއަށް ލާފައިވަނީ އޯގަސްޓް މަހުގެ 28ވަނަ ދުވަހުގައެވެ. އެސިޓީގެ ވަކިން އޮންނަ ހުޅުދޫއާއި މީދޫ މޮނީޓަރިންއަށް ލާފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހުގައެވެ.

އެސިޓީގައި ކޯވިޑްގެ ޙާލަތު އޮތްގޮތާ ގުޅޭގޮތުން މޭޔަރު ޢަލީ ނިޒާރު ވިދަޅުވީ ޕޮޒިޓިވްވަމުން އަންނަ ޢަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެސިޓީގައި މިވަގުތު 244 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 8 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. އެސިޓީއން މިހާތަނަށް 1500އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ.

ސެޕްޓެމްބަރުމަހު މިދިޔަ މަހު 11 ރަށެއްވަނީ މޮނީޓަރިންއަށް ލާފައެވެ. އެގޮތުން ގއ.ގެމަނަފުއްޓާއި މާމެންދޫއާއި ވިލިނގިއްޔާއި ކޮލަމާފުށިވަނީ މޮނީޓަރިންއަށްލާފައެވެ. އަދި އދ.މަހިބަދުއާއި އޮމަދޫގެ އިތުރުން ތ.ދިޔަމިގިއްޔާއި ށ.މާއުނގޫދޫއާއި ފ.ނިލަންދޫއާއި ނ.ވެލިދޫވަނީ މޮނީޓަރިންއަށް ލާފައެވެ. އެންމެފަހުން މޮނީޓަރިންއަށް ލާފައިވަނީ އާދިއްތަ ދުވަހު މޮނީޓަރިންގއަށްލާފައިވާ ލ.ފޮނަދުއާއި ދ.މާއެނބޫދޫ އާއި މ.ވޭވަށެވެ.

ކޯވިޑްގެ ކޭސްތައް އަތޮޅުތަކުގައި އިތުރުވަމުން އަންނައިރުވެސް ބަލީގައި ބޮޑުވަރު ނުވެ ބަލިން ފަސޭހަވަމުންދާތީ އެޗްޕީއޭއިން ވިދާޅުވީ އެހެން މެދުވެރިވަނީ ވެކްސިންގެ އޭގެ ޒާތުގައި ރަނގަޅަށް މަސައްކަތްކުރާތީކަމަށް ބެލެވޭކަމަށެވެ.