ކުޅިވަރު

ދިމާ އާއި ރަފާ ލަންކާގެ އެއްވަނަ ޕެއަރ ބަލިކޮށްފި


އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ ޢަލީ އާއި ޢާއިޝަތު ރަފާ ނާޒިމުގެ ޕެއާއިން ލަންކާގެ އެއް ވަނަ ޕެއާ ބަލިކޮށްފިއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ދީމާ އާއި ރާފާ ބަލިކޮށްފައިވަނި ލަންކާގެ ޓީޓީ ރޭންކިންގެ އެއްވަނަ އިޝާރާ މަދުރަންގީ އާއި ރޭންކިންގެ ހަތަރު ވަނަ ބިމާންދީ ބަންޑާރަ ޕެއަރއެވެ.

މިމެޗް ރާއްޖޭގެ ދިމާ އާއި ރަފާ ކާމިޔާބުކޮށްފައިވަނީ ސީދާ 3 ސެޓުންނެވެ. މެޗްގެ ފުރަތަމ ސެޓް ރާއްޖެއިން ކާމިޔާބުކުރީ 8-11އިންނެވެ. ދެވަނަ ސެޓް 6-11 ކާމިޔާބުކުރުމަށްފަހު މެޗްގެ ތިންވަނަ ސެޓް ރާއްޖޭގެ ޕެއަރ ކާމިޔާބުކޮށްފައިވަނީ 10-12އިންނެވެ. މިއާއެކު ރާއްޖޭގެ ދިމާ އާއި ރަފާގެ ޕެއަރވަނީ މުބާރާތުގެ ދެވަނަ ބުރަށް ޖާގަހޯދާފައެވެ. ދެވަނަ ބުރުގައި ރާއްޖޭގެ ޕެއަރ ވާދަކޮށްފައިވަނީ ހޮންކޮންގްގެ ޒީހޫ ޗެންޗޫ އަދި އެން ވިންގް ނާމްގެ ޕެއާއާއެވެ. ހޮންކޮންގެ ޕެއާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 11-4، 11-4 އަދި 11-5 އިންނެވެ.

އަންހެން ޓީމު އިވެންޓުގައި ރާއްޖެއިން ވަނީ، މުބާރާތް ބާއްވާ ގައުމުކަމަށްވާ ގަތަރާއި، ބަންގްލަދޭޝް ބަލިކޮށްފައެވެ. އަދި ފިރިހެން ޓީމު ވަނީ އޮމާން ބަލިކޮށްފައެވެ. އަންހެން ޓީމުން ގަތަރު ބަލިކުރީ 3-1 ސެޓުންނެވެ. އަދި ބަންގްލަދޭޝް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ފިރިހެން ޓީމުން އޮމާން ބަލި ކުރީ 3-2 ސެޓުންނެވެ.