ވިޔަފާރި

އެކްސްޕޯ 2020 : ރާއްޖޭގެ ޕެވީލިއަން އިސްތިހާރުކުރަން ޚާއްސަ ކެމްޕެއިނެއް


އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވީލިއަންއަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންގެ ދަށުން ދުބާއީ މޯލްގެ 384 ސްކްރީންގައި ރާއްޖެ އިސްތިހާރު ކުރާނެއެވެ. އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ނިޔަލަށް މި ކެމްޕެއިން ކުރިއަށް ގެންދާނެއެވެ.

މިއީ އެކްސްޕޯ 2020އާ ގުޅިގެން ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަޤްސަދަކީ އެކްސްޕޯގައި ރާއްޖެއިން ޤާއިމްކޮށްފައިވާ ޕެވީލިއަން އިސްތިހާރުކޮށް، މިޕެވީލިއަންއަށް ވީހާވެސް ގިނަ ބައެއް ޒިޔާރަތްކުރުމަށް ބާރުއެޅުމެވެ. އަދި ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ، ދުބާއީގެ މަތީ ފަންތީގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާއި، އެކްސްޕޯއަށް ދުބާއީއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ޑެލިގޭޓުންނަށް އިސްތިހާރުކުރުމެވެ.

މި ކެމްޕެއިންގެ ތެރެއިން ދުބާއީ މޯލްގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ 384 ސްކްރީނެއްގައި ރާއްޖޭގެ ޕްރޮމޯ ވީޑިއޯއެއް ދައްކާނެއެވެ. މި ވީޑިއޯގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އެކްސްޕޯގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގޭ "ހަންޑްރެޑް ޑޭސް އޮފް ފްރީ ހޮލިޑޭސް" އިސްތިހާރު ކުރެވޭނެއެވެ.

ދުބާއީ މޯލަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އެ ތަނަކަށް ޒިޔާރަތްކުރާ މޯލެވެ. 2019ވަނަ އަހަރުވެސް މި މޯލަށް 84 މިލިއަން މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އެކްސްޕޯ 2020ގައި 190 ޤައުމަކުން ދަނީ ބައިވެރިވަމުންނެވެ.

މި ކެމްޕެއިން އަމާޒުކޮށްފައިވަނީ ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ، ދުބާއީގެ މަތީ ފަންތީގެ ފަރާތްތަކާއި، އެކްސްޕޯ 2020ގައި ބައިވެރިވުމަށް ދުބާއީއަށް ޒިޔާރަތްކުރާ ޤައުމުތަކުގެ ޑެލިގޭޓުންނަށެވެ. އެކްސްޕޯ 2020ގައި ރާއްޖެއިން ޤާއިމުކޮށްފައިވާ ސްޓޭންޑު އިސްތިހާރުކުރުމުގެ އިތުރުން، މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ޚިދުމަތްތައް އިސްތިހާރުކުރެވޭނެއެވެ.

މިއީ މެދުއިރުމަތީގައާއި ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ ޕްރޮމޯޓުކުރަން ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގާ ޙަރަކާތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.