ކުޅިވަރު

2016 ޔޫރޯގައި އިންގްލެންޑް އަދި ވޭލްސް އެއް ގްރޫޕަކަށް


އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް، އިޓަލީ އަދި ސްވިޑެން އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ފީފާ ރޭންކިންގެ އެއްވަނަ ބެލްޖިއަމްއާއި، އިޓަލީގެ އަދި މަޝްހޫރު ފޯވާޑް އިބްރަހިމޮވިޗްގެ ކެޕްޓަންކަމުގެ ދަށުން ނިކުންނަ ސްވިޑެންގެ އިތުރުން ދެން ލައްވާލީ އަޔަލެންޑެވެ. މީ މުބާރާތުގެ އެންމެ ފޯރިގަދަވާނެ ގްރޫޕްގެ ގޮތުގައި ވަނީ ބެލެވިފައެވެ. މި ގްރޫޕްގެ އިތުރުން ގްރޫޕް ބީވެސް ފޯރިގަދަވާނެކަމަށް ބެލެވެއެވެ. ސަބަބަކީ ގްރޭޓް ބްރިޓަންއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އިންގްލެންޑް އަދި ވޭލްސް މި ގްރޫޕްގައި ހިމެނުމުންނެވެ. މި ދެ ޓީމްގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ ރަޝިއާ އަދި ސްލޮވާކިއާއެވެ. މުބާރާތް ބާއްވާ ގައުމު ފްރާންސްއާއި އެކު ގްރޫޕް އޭގައި ހިމެނެނީ ރުމޭނިއާ، އަލްބޭނިއާ އަދި ސްވިޒަލެންޑެވެ. ގްރޫޕް ސީގައި ޖަރުމަން، ޔޫކްރެއިން، ޕޮލެންޑްގެ އިތުރުން އުތުރު އަޔަލެންޑް ހިމެނޭއިރު، ގްރޫޕް ޑީގައި އޮތީވެސް ވަރުގަދަ ޓީމްތަކެކެވެ. ގްރޫޕް ޑީގައި ހިމެނޭ ޓީމްތަކަކީ ސްޕެއިން، ޗެކް ރިޕަބްލިކް، ކްރޮއޭޝިއާގެ އިތުރުން ތުރުކީއެވެ. އެންމެ ފަސޭހަވާނެކަމަށް ބެލެވޭ ގްރޫޕް އެފްގައި ލައްވާލީ ޕޯޗުގަލް، އައިސްލެންޑް، އޮސްޓްރިއާ އަދި ހަންގޭރީއެވެ. މި ފަހަރުގެ މުބާރާތުގައި 24 ޓީމު ވާދަކުރާއިރު އެ ޓީމުތައް ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދެ ވަނަ ބުރަށް ހޮވޭއިރު، އެ 12 ޓީމުގެ އިތުރުން ދެން ދެ ވަނަ ބުރުން ޖާގަލިބޭނީ، ހަ ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނާތީޖާ ހޯދާ ހަތަރު ޓީމެކެވެ. 2016ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އޮންނާނީ އަންނަ އަހަރުގެ ޖޫން 10 އިން ޖުލައި 10 އަށެވެ.