ޓުއަރިޒަމް

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ރަން ވަނަތަކެއް ލިބިއްޖެ


ވާރލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެއަށް ރަންވަނަ ތަކެއް ލިބިއްޖެއެވެ. މޮރޮކޯގެ މަޒާގަން ގޮލްފް އެންޑް ބޯޗް ރިސޯޓްގައި ރޭ ބޭއްވި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ޙަފްލާގައި ރާއްޖެއަށާއި ރާއްޖޭގެ ބައެއް ރިސޯޓްތަކަށް ޖުމްލަ ސޯޅަ އެވޯޑެއް ލިބުނެވެ.  ރާއްޖެއަށް ލިބުނު އެވޯޑް ތަކުގެތެރޭގައި " ވޯރލްޑްސް ލީޑިންގ ބީޗް ޑެސްޓިނޭޝަން " ނުވަތަ  ދުނިޔޭގެ އެއްވަނަ ގޮނޑުދޮށުގެ މަންޒިލްގެ އެވޯޑާއި، ދުނިޔޭގެ އެއްވަނަ އެއާޕޯޓް ރިޒޯޓްގެ އެވޯޑާއި އަންޑަވޯޓާ ހޮޓެލް ރެސްޓޯރެންޓް ނުވަތަ ކަނޑުއަޑީގައިވާ އެންމެ ހިތްގައިމު ރެސްޓޯރަންޓްގެ އެވޯޑާއި އެއްވަނަ ވޯޓާ ވިލާގެ އެވޯޑާއި އެންމެ ރޮމޭންޓިކް ރިޒޯޓްގެ އެވޯޑް ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ އެއްވަނަ އެއާޕޯޓް ރިޒޯޓްގެ އެވޯޑް ލިބުނީ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ. އެއްވަނަ އަންޑަ ވޯޓާ ހޮޓެލް ރެސްޓޯރެންޓްގެ އެވޯޑް ލިބުނީ އަނަންތަރާ ކިހަވަށް ވިލާސްއަށެވެ. އެއްވަނަ ވޯޓާ ވިލާގެ އެވޯޑް ލިބުނީ އަޔާދާ މޯލްޑިވްސްއަށެވެ. އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިޒޯޓަކަށް ހޮވުނީ ބަރޮސް މޯލްޑިވްސްއެވެ. މުޅި ދުނިޔޭން ލިބުނު އެވޯޑްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބައެއް އެވޯޑްތައް ވެސް ރާއްޖެއަށްވަނީ ލިބިފައެވެ. އެގޮތުން އިންޑިއާ ކަނޑުގެ އެއްވަނަ އެއާޕޯޓަކަށް ހޮވުނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ. އަދި އިންޑިއާ ކަނޑުގެ އެއްވަނަ ގޮނޑުދޮށުގެ މަންޒިލްގެ އެވޯޑާއި އެއްވަނަ ކަލިނަރީ ހޮޓަލުގެ އެވޯޑާއި އެއްވަނަ ގްރީން ރިސޯޓްގެ އެވޯޑާއި އެއްވަނަ ފެމިލީ ރިސޯޓާއި އިންޑިއާ ކަނޑުގެ އެއްވަނަ ހޮޓަލާއި އެއްވަނަ ހޮޓެލް ސުއިޓްގެ އެވޯޑް ވެސް ލިބުނީ ރާއްޖެއަށެވެ. މި އެވޯޑްތަކާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.