ޚަބަރު

"ހޯމް މިނިސްޓަރުކަމަށް އައުމުގެ އެންމެބޮޑު މަޤުސަދަކީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުން"


މިސަރުކާރުގެ ހޯމް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ އެންމެބޮޑު މަޤްސަދަކީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރެއްވުން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމާއެކު ޙަވާލުވެވަޑައިގަންނަވާނެ ދާއިރާއަކާ ގުޅޭގޮތުން ތިން ހުށައެޅުމެއް ލިބިވަޑައިގަތްކަމަށެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރުކަމާއި، ހޯމް މިނިސްޓަރުކަމާއި އިތުރު އެހެން ހުށައެޅުމެއްވެސް ލިބިވަޑައިގަތްކަމަށެވެ. ނަމަވެސް އެމަނިކުފާނު ހޯމް މިނިސްޓަރުކަން އިޚްތިޔާރުކުރެއްވީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރައްވަން ބޭނުންފުޅުވާތީކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑު ޚާއްޞަކޮށް ހޯމް މިނިސްޓަރުކަމާއި ހަވާލުވީ ޢާންމުގޮތެއްގައި ދެ ހާހެއްހައި ކުށްވެރިން، ޤައިދީން ޢާންމުކޮށް ޖަލުގެ ތެރޭގައި އަބަދު ނިކުމެ އެ ރިޕީޓްވަމުންދާ ޢަދަދު ދާއިރު އޭގެ ތެރެއިން ރާއްޖޭގެ މުޅި އިޖްތިމާޢީ ވެއްޓަށް މުޅި މުޖުތަމަޢަށް އެލިބޭ އެ ބޮޑު ހިތާމައާއި ގެއްލުމާއި، އިޤްތިޞާދީ ބޮޑު ބާޑަންގެ ތެރެއިން އަޅުގަނޑު މަސައްކަތްކޮށްގެން އަދި ޚާއްޞަކޮށް އިންސާނީ ކަރާމާތާއި ހައްޤާއި ރަނގަޅުގޮތެއް އެމީހުންނަށް ފޯރުކޮށްދެވި، ޚާއްޞަކޮށް ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުން. އޭގެތެރޭގައި ވަރަށް އިލްމީ ޤާބިލް އަޅުގަނޑު ދަންނަ އޭގެ ތެރޭގައި ތިބެން ނުޖެހޭ ވަރަށް ގިނަ ޒުވާނުން އެ ތޭރިތަކުގެ ފަހަތުގައި ތިބޭ ހިތާމަވެރި މަންޒަރަކީ، އަޅުގަނޑަށް ވަރަށް ހިތާމަވެރި މަންޒަރެއް. އެއަށްޓަކައި ރަނގަޅު މަސައްކަތެއް ކުރަން ބޭނުންވާތީ މިމަޤާމަށް އައީ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި އެމނަިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރު ސިޔާސީ ގޮތުން އެއްވެސް ޤައިދީއަކު ތަޖުރިބާކުރަން ނުޖެހޭ އެތައްކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތްކަމަށް ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑެތި ކުއްވެރިންނާއެކު ދޫނިދޫ ޖަލުގައި 100 ވަރަކަށް ދުވަސް ހޭދަކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި 115 ވަރަކަށް ދުވަހު މާފުށީ ޖަލުގައިވެސް ބޮޑެތި ކުއްވެރިންނާއެކު ހުންނެވިކަމަށާ، މާފުށީ ޖަލުގައި އެންމެ ސެކިއުރިޓީ ވަރުގަދަ ތަނުގައި ހުންނެވިއިރު ވަރަށް ގިނަ މަންޒަރުތައް ފެނިވަޑައިގެން ވަރަށް ގިނަ އަޑުތައް އިވި ވަރަށް ގިނަ ތަޖުރިބާތައް ލިބިވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ޙާލަތަށް ބޮޑު ބަދަލެއް ގެނައުމުގެ އަޒުމުގައި ހުންވިކަމަށާ، އެ އަމާޒަށް ކުރައްވާ މަސައްކަތުގެ ދަށުން ގިނަބަދަލުތަކެއް ޖަލުތަކަށް މިހާރުވެސް ގެނެވިފައިވާކަމަށެވެ. ޖަލުތަކުގެ ޙާލަތު ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެމަނިކުފާނާ ހަވާލުވެވަޑައިގަތްއިރު ހާލަތު ހުރީ މައިނަސް ސަތޭގައި ކަމަށެވެ. އަދި މި ފަސް އަހަރު ނިމޭއިރު އެ ޢަދަދު ސުުމަކަށް ގެނެވުނުނަމަވެސް އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.


"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކާމިޔާބުކުރާނަން. އަޅުގަނޑު މިވާހަކަ ދެންނެވިން ރައީސް ޔާމީނަސްވެސް އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް. އަޅުގަނޑު ބައްދަލުކުރި ދުވަހެއްގައި ވިދާޅުވި، މިހާރުވެސް މިތަންތަން މިހުރީ މިގޮތަށް ނުންހޭ. އަޅުގަނޑު ދެންނެވިން ރައީސް ޔާމީންއޭ ރަނގަޅޭ، މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި މަނިކުފަނު ވެރިކަމުގައި ނުކުރައްވާ ވަރަށްވުރެ، މާ ގިނަ މަސައްކަތް އަޅުގަނޑު މި 2 އަހަރު ތެރޭގައި ކޮށްފީމޭ. މާ ގިނަ ބަދަލު ގެނެސްފީމޭ. މިހުރީނުންހޭ އައިސްފައިވާ ބަދަލުތައް. ވިދާޅުވި ޢިމްރާން މިތާހުރެ ކަންކަން ފެނުނީމަނޫންހޭ. ތިމަންނަވެސް މިހާރުވެސް މިތަނުން ނިކުމެވިއްޖެއްޔާ ގެންނަންޖެހޭ ބަދަލު ގެންނާނަމޭ. އަޅުގަނޑު ދެންނެވިން މަޑުކުރައްވާށޭ މަނިކުފާނަށް ފުރުޞަތު ލިބިވަޑައިގަންވަންދެން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުގެ ޙާލަތު ރަނގަޅުކުރުމުގައި އަދިވެސް ކުރަންހުރި ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. މިއީ ވަރަށްބޮޑު ހޭދައެއްކޮށް ގިނަ ވަސީލަތްވެސް ބޭނުންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ މައްޗަށް ޖަލު ހުކުމް އިއްވީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އެހުކުމް އަލުން ރިވިއުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުމާއެކު އިމްރާންވަނީ މިނިވަންވެފައެވެ.