ޚަބަރު

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި 47،000އަށްވުރެ ގިނަ މީހުން ވޯޓުލާފައިވޭ


ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވަގުތީނަތީޖާ އިޢުލާންކޮށްފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި، މިއިންތިޚާބުގައި 47،100 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލާން ޖެހޭ މީހުންގެ ތެރެއިން %50.31 މީހުންނެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ 93,612 މެމްބަރުން ތިބިކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 މީހަކުވަނީ އިންތިޚާބު ވެފައެވެ. ޤައުމީ މަޖިލީހަށް އިންތިޚާބަށް ހޮވުނު މީހުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންނާއި މަތީ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތައް ހިމެނެއެވެ.

އިންތިޚާބުގެ ވޯޓް ނެގުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މިބޭފުޅުން ހޮވިފައިވަނީ ކުރިމަތިލާންޖެހޭ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ނުލުމުންނެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި އިންތިޚާބެވެ.

އެމްޑީޕީގެ އިންތީޚާބުތަކާއި ބެހޭ ޤަވާއިދު ބުނާ މުއްދަތުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ.