ވިޔަފާރި

މިއަހަރުގެ ޓީޓީއެމް ކްރޮސްރޯޑްގައި


މިއަހަރުގެ ޓީޓީއެމް އެވޯޑް ޙަފްލާއާއި ގާލާ ނައިޓް އޮންނާނީ ކްރޮސްރޯޑް މޯލްޑިވްސްގައިކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

ޓީޓީއެމް މޯލްޑިވްސްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ. މިދިޔަ އަހަރުގެ ޓީޓީއެމް ފެއަރ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. ނަމަވެސް މިއަހަރު މި ފެއަރ ފިޒިކަލްކޮށްވެސް އަދި އޮންލައިންކޮށްވެސް ކުރިއަށްދާނެއެވެ. މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 28 އިން 30 އަށެވެ.

ޓީޓީއެމް އެވޯޑްސް އަދި ގާލާ ނައިޓްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެވޯޑްދޭނެއެވެ. އޭގެތެރޭގައި ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންވެސް ހިމެނެއެވެ.

ޓީޓީއެމް މޯލްޑިވްސްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިވެންޓް އިންތިޒާމްކުރާ ފަރާތުން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. ރަޖިސްޓްރީކުރެވޭނީ connect.traveltrademaldives.com މެދުވެރިކޮށެވެ.

ކޮންމެ އަހަރެއްގެ ޓީޓީއެމް މޯލްޑިވްސްގައި 3000 ޕްރީ ޝެޑިއުލް މީޓިން ކުރިއަށްގެންދެއެވެ. އަދި ދާއިރާގެ 500 އެއްހައި މީހުން ބައިވެރިވެއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ. އޭގެތެރޭގައި ސަޕްލަޔަރުންނާއި، ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއަހަރު ކުރިއަށް ގެންދާ ޓީޓީއެމް ހަރަކާތަކީ މީގެ 5 ވަނަ ހަރަކާތެވެ.