ޚަބަރު

އެކްސްޕޯ 2015ގެ ޘަޤާފީ ނެށުންތައް ޖަޖް ކުރުން އަންނަ ހަފްތާގައި


އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިކުރާ ޘަޤާފީ ނެށުންތަކުގެ ބައި ޖަޖްކުރުމަށްޓަކާ އަންނަ ހަފްތާގެ ތެރޭގައި އަތޮޅުތަކަށް ފުރާނެކަމަށް މައުރަޒު އޮފީހުން ވިދާޅުވެއްޖެއެވެ.އެކްސްޕޯގައި ތަކެތި ހުށައަޅަންޖެހޭ ފަސްދޮޅަށް ފަސް ކެޓަގަރީގެ އިތުރުން ޘަޤާފީ ބައެއް ކުޅިވަރުތައްވެސް ބައިވެރިކުރެވެއެވެ. މިގޮތުން އެކްސްޕޯގައި ބައިވެރިކުރެވޭ ޘަޤާފީ ކުޅިވަރުތަކަކީ ބޮޑުބެރު، ލަނގިރި، ތާރަ އަދި ބަނޑިޔާޖެހުމެވެ.ޘަޤާފީ ކުޅިވަރުތަކުގެ ބައި ޖަޖްކުރުމަށް މައުރަޒު އޮފީހުން ނިންމަވާފައިވަނީ އެ ކުޅިވަރެއް ބައިވެރިކުރި ބައެއް ތިބި ރަށަކަށް ގޮސް ޖަޖްކުރުމުގެ ކަންތައްކުރިޔަށްގެންދިއުމަށެވެ. ކުރިޔަށް މިއޮތް ހަފްތާތެރޭ ޖަޖުންގެ ޓީމުތައް އަތޮޅުތަކަށް ދަތުރުކޮށް މިކުޅިވަރުތަކުގެ ތެރެއިން ކޮންމެ ކުޅިވަރަކުންވެސް އެއްވަނައަށް ހޮވޭ ބަޔަކަށް އެކްސްޕޯ ކުރިޔަށްދާއިރު އެކުޅިވަރުތައް ދައްކާލުމުގެ ފުރުޞަތު ލިބިދެވޭނެކަމަށް މައުރަޒު އޮފީހުން މަޢުލޫމާތުދެއްވައެވެ. އެކްސްޕޯގައި ޘަޤާފީ ކުޅިވަރުތަކުގެ ބައިގެ އިތުރުން ލައިވްކުކިން ނުވަތަ ވަގުތުން ކެއްކުމާއި، މަޢުލޫމާތު ދިނުމުގެ ވޯކްޝޮޕްތަކާ އަދި މި ނޫންވެސް ތަފާތު އެތައް ބައިތަކެއް ހިމެނޭނެކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ.އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ފަސޭހަވާނެފަދަ ބައެއްކަންތައް އެކްސްޕޯގައި އިންތިޒާމް ކުރެވިފައި ހުންނާނެކަމަށާ އަދި އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ފަސޭހަވާނެގޮތަށް އިންތިޒާމްތަކެއް ހަމަޖެހިގެންދާނެކަމަށް މައުރަޒު އޮފީހުން މަޢުލޫމާތުދެއްވައެވެ. އެންމެގިނަ ވައްތަރުގެ ދިވެހި އުފެއްދުންތައް އެއްތަނަކުން ފެނިގެންދާނެ މި ފަހަރުގެ އެކްސްޕޯ ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ.