ވިޔަފާރި

އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް ވެބިނާއެއް


އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް "ކަނެކްޓް ވިތް މޯލްޑިވްސް - ޔޯ ސޭފް ހޭވަން"ގެ ނަމުގައި އެމްއެމްޕީއާރުސީން ވެބިނާއެއް ބާއްވައިފިއެވެ.

މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ބޭއްވި މި ވެބިނާގެ މަޤްސަދަކީ އިޓަލީ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ހިއްސާކުރުމެވެ. އަދި ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި، ލިވަބޯޑުތަކުން ރާއްޖެއިން ފަތުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ.

މި ވެބިނާ މެދުވެރިކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު އެޅިފައިވާ ފިޔަވަޅުތަކާއި، އެހެނިހެން މައުލޫމާތު އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކާ ހިއްސާކޮށްފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މިވެބިނާގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި މައުލޫމާތުތަކާއި، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ.

1 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ވެބިނާގައި އިޓަލީގެ އެންމެ ފާހަގަކޮށްލެވޭ 150 ޓްރެވަލް އެޖެންޓުން ބައިވެރިވެފައިވެއެވެ. މި ވެބިނާގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިޓަލީން ރާއްޖެއަށް އައުމަށް ބުކިން ހަދާ މިންވަރު އިތުރުވެ، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

މި ވެބިނާގައި ރާއްޖޭގެ މައުލޫމާތު ދިނުމަށް ހާއްސަ ޕްރެޒެންޓޭޝަނަކާއި، ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ހާއްސަ ސުވަލާއި ޖަވާބު ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ބައިވެރިން، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ނަސީބުވެރި ފަރާތަކަށް ވަނީ ދީފައެވެ.

އެމްއެމްޕީއާރުސީން ޤަބޫލުކުރާ ގޮތުގައި މި ވެބިނާގެ ސަބަބުން ރާއްޖޭގެ މަޤުބޫލުކަން މި މާކެޓްތަކުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ. މި ވެބިނަރއަކީ އިޓަލީ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގުނު ހަރަކާތެކެވެ. މީގެ ސަބަބުން އިޓަލީ މާކެޓްގެ އެންމެ ފަހުގެ ޓްރެންޑްތައް ދެނެގަނެ، މި މާކެޓުން ކުރިއަށް އޮތް ދުވަސްވަރު ރާއްޖެ އަންނާނެ ފަތުރުވެރިންގެ އަދަދު ދެނެގަތުމަށް އެހީތެރިވާނެކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

ޕެންޑަމިކްގެ ކުރިން އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. 2020 ވަނަ އަހަރު އިޓަލީ ރާއްޖެއަށް 46,690 ފަތުރުވެރިން އައިސްފައިވާއިރު، މި މާކެޓަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. 2019 ވަނަ އަހަރު މި މާކެޓުން ރާއްޖެއަށް 136343 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މާކެޓް އެ އަހަރު އޮތީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުގެ ގޮތުގައެވެ.