ޚަބަރު

ކަޅުއޮށްފުންމި ރަސްމީކޮށް އިފްތިތާޙްކޮށްފި


ކަޅުއޮށްފުންމި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ހއ.އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގެތެރެއިން، ކަޅުއޮށްފުންމި އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެ ރަށުގެ ބަނދަރު ސަރަހައްދުގައެވެ.އުތީމު މުޙައްމަދު ތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމައަށް ނިކުމެވަޑައިގަތުމަށް ބެންނެވި ކަޅުއޮށްފުންމިއާއެއްގޮތަށް ހދ.ނޭކުރެންދޫގައި ބަނދެފައިވާ "ކަޅުއޮށްފުންމި" އިފްތިތާހު ކުރެއްވުމުގެ ގޮތުން، ކަޅުއޮށްފުންމީގެ، ހުންގާނުދޫނި ހޯމް މިނިސްޓަރ އުމަރު ނަސީރަށް އެރުއްވިއެވެ. ހުންގާނުދޫނި މިނިސްޓަރަށް އެރުއްވީ، ކަޅުއޮށްފުންމި ބަނުމުގައި ހަރަކާތްތެރިވި ޖަމްއިއްޔާ، އަންޑަރ ވޯޓަރ އެންޑް ހެރިޓޭޖް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އިބްރާހިމް ހަލީމް އެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ކަޅުއޮށްފުންމި އަކީ، ދިވެހިތާރީޚުގެ ތެރެއަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ، އުތީމު ތިންބެއިންގެ ޖިހާދުގެ ޒިކުރާ އާކުރައްވާފައެވެ.ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސަލީމު ވިދާޅުވީ، ކަޅުއޮށްފުންމި ބަނުމަށްޓަކައި ބޭނުން ކޮށްފައިވަނީ، އެންމެ އިހު ޒަމާނުގައިވެސް ދޯނިތައް ބަނުމަށް ބޭނުންކުރި އުކުޅުތަކާއި، އާލާތްތައް ކަމަށެވެ. މުޅިންވެސް އަތްތެރި މަސައްކަތް ކަޅުއޮތްފުންމިން ފެނިގެންދާނެކަން ސަލީމް ފާހަގަ ކުރެއްވިއެވެ.ޤައުމީ ދުވަހާ ގުޅުވައިގެން ކަޅުއޮށްފުންމީގައި ފޮޓޯ ނެގުމުގެ ފުރުސަތު އުތީމުގެ ރައްޔިތުންނަށް ހުޅުވާލުމުގެ މަޤްސަދުގައި އާދިއްތަ ދުވަހު ޚާއްސަ "ސެލްފީ ހަވީރެއް" ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޤައުމީ ދުވަހަށް ޚާއްސަ ކޮށްގެން ކަޅުއޮށްފުންމި އުތީމަށް ގެނެސް އިފްތިތާހު ކުރި ނަމަވެސް ކަޅުއޮށްފުންމި ބޭވުމަށްހަމަޖެހިފައިވަނީ، މާލޭގައި ހުންނަ ދާރުލް އާސާރުގެ ގޯތިތެރޭގައެވެ.ކަޅުއޮތްފުންމި އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ނިމިގެންދިޔައީ ސަގާފީ ކުޅިވަރުންނެވެ.