ވިޔަފާރި

އެކްސްޕޯ 2020 - ދުނިޔެއަށް ރާއްޖޭގައިހުރި ވިޔަފާރީގެ ފުރުސަތުތައް ދައްކާލަން ލިބޭ ރަނުގެ ފުރުސަތެއް


ދުނިޔޭގެ އެންމެބޮޑު އެގްޒިބިޝަން "އެކްސްޕޯ2020" މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ވޯލްޑް އެކްސްޕޯ، "އެކްސްޕޯ 2020، ދުބާއީ"އަށް 25 މިލިއަން މީހުންގެ ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކޮންމެ 5 އަހަރަކުން އެއްއަހަރު ކުރިއަށް ގެންދާ، ވޯލްޑް އެކްސްޕޯ އަކީ، އެންމެ ގިނަދުވަސްވީ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އެގްޒިބިޝަނެވެ. ވޯލްޑް އެކްސްޕޯ ތަކަކީ، ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ޢާއްމުން ގުޅުވާލަދީ، ދިރާސާތަކާއި އިނޮވޭޝަން މެދުވެރިކޮށް، ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލުތަށް ގެނެއުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، 1،351ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ބައިނަލްއަޤްވާމީ ޙަރަކާތެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވީލިއަންގައި، ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާއި ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެ ކަމަށެވެ.

އަދި މި ޕެވިލިއަން މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަގާފީ ނެޝަންތަކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްސްޕޯ 2020އަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވިފައިވާ 25 މިލިއަން މީހުންގެ ތެރެއިން ގިނަބަޔަކަށް، ދިވެހިރާއްޖޭގެ މި ޙަރަކާތްތަށް، ފެނިގެން ދިއުމަކީ ދިވެހި އުފެއްދުންތެރިންގެ އަމިއްލަ އުފެއްދުންތައް، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ އުފެއްދުންތަށް ވިއްކުމަށް ޚާއްސަކުރެވޭ، ވޯލްޑް މާރކެޓުން ލިބެން ހުންނާނެއެވެ.

މި އެކްސްޕޯ ހިނގަމުންދާ މުއްދަތުގައި، ދިވެހި ސަރުކާރުން، ތަފާތު ދާއިރާތަކަށް އަމާޒުކޮށް، އިންވެސްޓްމަންޓް ފޯރަމްތަކާއި، ޚާއްސަ އިވެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމް ތަކާއި އިވެންޓްތަކުގައި، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުށައެޅިގެން ދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

އެކްސްޕޯގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އޮނަރ ޑޭގެ ގޮތުގައި ފާހަގަ ކުރުމަށް ޚާއްޞަކުރެވިފައިވާ ދުވަހަކީ، 25 އޮކްޓޫބަރ 2021އެވެ. 1 އޮކްޓޫބަރ 2021ގައި ފެށޭ، އެކްސްޕޯ 2020، ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި އެކްސްޕޯގައި 200އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެއެވެ.

25 މިލިއަންއަށް ވުރެ ގިނަ މީހުން މި އެކްސްޕޯއަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރާއިރު، މީގެ ތެރެއިން %70 ވާނީ، އެކްސްޕޯ ބޭއްވޭ ޔުނައިޓަޑް އަރަބް އެމިރޭޓްސްއަށް ނިސްބަތް ނުވާ، ބައިނަލްއަޤްވާމީ ވިޒިޓަރުން ކަމަށާއި، އެކްސްޕޯ2020 ދުބާއީ އަށް ދުވާލަކު 300,000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

"ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗަރ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2020 ދުބާއީ" ގެ އަމާޒަކީ، އިންގިލާބީ އީޖާދުތަކާއި ތަފާތު ޚިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، މި ޚިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ. މިފަހަރު ބޭއްވޭ ވޯލްޑް އެކްސްޕޯ 2020 ޚާއްސަ ވެގެން ދާ އެއްސަބަބަކީ، މިއީ، މިފަދަ އެކްސްޕޯއެއް، މެދު އިރުމަތީގައި ބޭއްވިގެންދާ ފުރަތަމަ ފަހަރަށް ވުމެވެ.

އެކްސްޕޯ 2020ގައި ރާއްޖެ ބައިވެރިވުމުގެ އިންތިޒާމުތައް ކުރިޔަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭސަން އަދި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ބައިވެރިވުމާއި އެކުއެވެ.