ދުނިޔޭގެ ވިޔަފާރި

ކޯވިޑަށް ޕޮޒިޓިވްވާ ސިންގަޕޫރުގެ މުވައްޒަފުންނަށް މުސާރަ ލިބޭ ޗުއްޓީ


ކޯވިޑް19 އަށް ޕޮޒިޓިވްވާ މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ވަޒީފާއަށް ސަލާން ބުނެވޭ އުސޫލެއް ސިންގަޕޫރުން އެކުލަވާލައިފިއެވެ.

ސިންގަޕޫރުގެ މަސައްކަތްތެރިންނާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް 19 އަށް ޕޮޒިޓިވްވާ މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް ސަލާންބުނެ ގޭގައި މަޑުކުރެވޭނެކަމަށެވެ. މީގެއިތުރުން އެ މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނަމަ އެގޮތަށް މަސައްކަތް ކުރެވޭނެ މަގުފަހޮކޮށްދިނުމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި މިގޮތަށް ސަލާންބުނެ ގޭގައި މަޑުކުރަން ޖެހިއްޖެނަމަ މެޑިކަލް ސެޓްފިކެޓެއް ބޭނުމެއް ނުވާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގޭ ހިސާބުން އޮފީހަށް އެކަން އަންގައި އެކަހެރިވާންޖެހޭނެކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިއާއިއެކު އެކަހެރިވެގެން ހުންނަ ދުވަސްވަރު ޗުއްޓީ ނުލިބޭ މުސާރަ ނެގުމަށް ވަޒީފާ ދޭ ފަރާތްތަކަށް ނޭންގޭނެކަމަށާއި ބައްޔަށް ނެގެޓިވްވުމުން ވީއެންމެ އަވަހަކަށް މުވައްޒަފު ވަޒީފާއަށް ނިކުތުމަށްވެސް ބަޔާނުގައިވަނީ އަންގާފައެވެ. އަދި މުވައްޒަފުގެ ސިއްޙީ ޙާލަތު ބޭރުފުށުން ރަނގަޅުކަމަށް ފެނުނުކަމުގައިވިޔަސް ކޯވިޑަށް ޕޮޒިޓިވްވެފައިވާ މުވައްޒަފަކަށް އޮފީހަށް ނިކުންނަން އަންގައިގެން ނުވާނެކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ގައިންގަޔަށް އަރައި މި ބަލި ފެތުރެމުންދާތީ ޢަލާމާތްތައް ނުފެނުނު ނަމަވެސް ހޮސްޕިޓަލަށް ނުގޮސް ގޭގައިމަޑުކުރުމަށް މި މަހުގެ 17 ވަނަ ދުވަހު ސަރުކާރުން ވަނީ އަންގާފައެވެ. ކޯވިޑަށް ނެގެޓިވްވެއްޖެނަމަ މަސައްކަތަށް އެނބުރި ދިޔަނަމަވެސް ޕޮޒިޓިވްވެއްޖެނަމަ ނެގެޓިވް ނަތީޖާ ލިބެންދެން ގޭގައިމަޑުކުރުމަށްވެސް މަސައްކަތްތެރިންނާއިބެހޭ ވުޒާރާއިން މަސައްކަތްތެރިންނަށް އިލްތިމާސްކުރެއެވެ.