ވިޔަފާރި

އޮޓޮމެޓިކްކޮށް ކާރު ދޮންނަ ތަނަކާއި ސެލްފް ސާވިސް ފިއުލް ޝެޑެއް ތަރައްޤީކުރަން ވިލާއަށް


ހުުޅުމާލެ ދެވަނަ ފިޔަވަހީގައި "އޮޓޮމެޓިކް ކާ ވޮޝް" ނުވަތަ އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނަކާއެކު ފިއުލް ޝެޑެއް ތަރައްޤީކޮށް ހިންގުމަށް ވިލާ ހަކަތަ ކުންފުންޏާއި ހަވާލުކޮށްފިއެވެ.

ސެލްފް ސަރވިސް ފިއުލް ސްޓޭޝަނެއްގެ ގޮތުގައި ތަރައްޤީކުރާ މި ޝެޑް ތަރައްޤީކޮށް ނިންމުމަށް ދީފައިވަނީ 9 މަސް ދުވަހުގެ މުއްދަތެކެވެ. މި ޝެޑް ވެގެންދާނީ ރާއްޖޭގައި ހަދާ މި ފަދަ ފުރަތަމަ ފިއުލް ސްޓޭޝަނާއި އޮޓޮމެޓިކުން ކާރު ދޮވެވޭ ފެސިލިޓީއަށެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އަދި ވިލާ ހަކަތައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސިޔާންއެވެ.

މި ފިއުލް ޝެޑު އަދި އޮޓޮމެޓިކް ކާ ވޮޝް ފެސިލިޓިލީ ތަރައްޤީކުރުމަށް 7386 އަކަފޫޓުގެ ބިމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިއުލް ޝެޑަކާއެކު ވެހިކަލްތަކުގެ ކުދިކުދި މަރާމާތުތައްކޮށްލެވޭ ގަރާޖެއް ތަރައްޤީކުރުމަށް 10179 އަކަފޫޓުގެ ބިމެއް ދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމާފައެވެ.

ވިލާ ފިއުލްގެ ޕެޓްރޯލް ޝެޑް މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ހުރެއެވެ. އަދި ތިލަފުށީގައިވެސް އެ ކުންފުނިން އަންނަނީ ތެޔޮ އަޅައިދިނުމުގެ ޙިދުމަތްދެމުންނެވެ.