ޚަބަރު

ޤައުމީ ޖޯޝާއި އެކު ޤައުމީ ދުވަހަށް އުތީމް ޒީނަތްތެރިކުރަނީ


މިއަދު ފާހަގަކުރާ ޤައުމީ ދުވަސް އުތީމުގައި ފާހަގަކުރުމަށްޓަކައި، އުތީމުގައި ވަމުންދާ ތައްޔާރީ ތަކަކީ ފަހުގެ ތާރީޚެއްގައި އަތޮޅު ތެރޭގެ ރަށެއްގައި ތައްޔާރުވެވޭ އެންމެ ފުރިހަމަތައްޔާރީތައް ކަމަށް ހޯމް މިނިސްޓަރގެ ނާއިބް އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.ހއ އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަކާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން އަޙްމަދުސަލީމް ވިދާޅުވީ، މިނިވަންފަންސާހަށް މާލެ ޒީނަތްތެރިކުރުމަށް ކުރެވެމުންދިޔަ މަސައްކަތްހާ ފުރިހަމައަށް އުތީމު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އަދި މާލެއިން ފެނުނު ކުލަބޮކީގެ ރިތިކަން އުތީމުން ފެނިގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ." މިނިވަން ފަންސާހަށް މާލެއިން ފެނުނު ކުލަބޮކީގެ ރީތިކަން އުތީމުން ފެންނާނެ.މިއީ އަތޮޅުތެރޭގެ ރަށެއްގައި ކަމަކަށް ވެވޭ އެންމެ ބޮޑު އެންމެ ފުރިހަމަ ތައްޔާރީތައް " ސަލީމް ވިދާޅުވިއެވެ. ޤައުމީ ދުވަހުގެ ޙަކަރާތްފެށުމުގެ ގޮތުން ހއ. އުތީމު ހަނދާނީ މަރުކަޒުގައި ރޭ 12 ޖެހިއިރު ވަނީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަމުންދާ، އަދިޤައުމީދުވަސް ނިސްބަތްވެވަޑައިގަންނަވާ ބޮޑުތަކުރުފާނުގެ އުފަންރަށް އުތީމުގައި މިއަދުއޮންނަ އެންމެޚާއްޞަކަމަކީ ކަޅުއޮށްފުންމީގެ ސިފަޔަށް ބަނދެފައިވާ އޮޑި، މިއަދުހަވީރު އިފްތިތާހުކުރުމެވެ. ޤައުމީދުވަހާއި ގުޅުވައިގެން އުތީމު ބަނދަރުގައި އެމްއެންޑީއެފުންހަދާ، ކަޅުއޮށްފުންމި ހަނދާނިބިނާ މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވާއެވެ.އެމްއެންޑީއެފުން ވަނީ މިރޭ އުތީމުގައި އޮންނަ ސްޓޭޖް ޝޯވްގައިވެސް ޚާއްޞަ ޙަރަކާތަކެއް ހިންގުމަށް ރާއްވާފައެވެ. އެގޮތުން މީގެ ދެމަސްދުވަސް ކުރިން ފަރިތަކުރަމުން އަންނަ އޮކެސްޓްރާ މިރޭގެ ސްޓޭޖްގައި ފެނިގެންދާނެކަމަށް އެމްއެންޑީއެފްގެ ލެފްޓިނެންޓް އިސްމާއިލް އަކުރަމް ވިދާޅުވިއެވެ." އެންމެފަހުން އޮކެސްޓްރާ ސިފައިން ކުޅެފައިވަނީ 2012 ވަނަ އަހަރު މާލޭގައި. އޭގެ ފަހުން މި ބާއްވަނީ އުތީމުގައި، އެއީ ސިފައިންނަށްވެސް ވަރަށް މުހިންމު ރަށެއް އުތީމަކީ،" އަކްރަމް ވިދާޅުވިއެވެ.ޤައުމީ ދުވަސް ރަަސްމީކޮށް އުތީމުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމުމާއިއެކު ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އުތީމުގެ ހުރިހާ ރައްޔިތުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ޤައުމީ ޖޯޝާއި ޤައުމީ ރޫޙުގައި އަންހެނުންނާއި ފިރިހެނުން އަދި ޒުވާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ މި ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ހުކުރު ދުވަހުގެ މެންދުރު ފަހު ނޫން ހުރިހާ ވަގުތެއްގައި ރަށް ޒީނަތްެތެރިކުރުމުގައި ރަށުގެ ހުރިހާ ރައްޔިތުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ. މި ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ބައިވެރިވަޑައިގެން ޤައުމާއި މުޚާތަބުކުރައްވާނެއެވެ.ޤައުމީ ދުވަހާއި ގުޅިގެން މާލޭގައި ކުރިއަށް ގެންދާ ޙަރަކާތުގެ ތެރޭގައި އެމްއެންޑީއެފުން ކުރިއަށްގެންދާ ކުޑަކުދިންގެ ހަވީރެއްވެސް މިއަދާ މާދަމާވެސް ހަވީރު ޖުމުހޫރީ މައިދާނުގައި އޮންނާނެއެވެ. މިފަހަރުގެ ޤައުމީ ދުވަސް ބަންދު ދުވަހަކާ ދިމާވިނަމަވެސް މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ނޫންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.