ކުޅިވަރު

ޖޫނިއަރ ނެޓްބޯޅަަ ޓީމް ހޮންކޮންގއަށް ފުރައިފި


 ނުވަވަނަ އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕުގައި ވާދަކުރާ އެކާވީސް އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމް ފުރައިފިއެވެ. ހޮންކޮންގގައި މިމަހުގެ ސާދައިން ވިއްސަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ޓީމުގެ ކޯޗު އާމިނަތު ހަލީމް ބުނީ، ލިބުނު މަދު ދުވަސްކޮޅުގައި ގިނަ ގޮންޖެހުތަކާއިއެކުވެސް ޓީމް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، މުބާރާތުގައި ރަނގަޅު ވާދައެއް ކުރެވޭނެކަމަށެވެ. ޓީމުގެ ޕްރެކްޓިސްތައް ކުރިއަށް ދިޔައީ އައުޓްޑޯ ކޯޓެއްގައި ކަމަށާއި، މުބާރާތުގެ މެޗުތައް ކުޅެނީ، އިންޑޯ ކޯޓެއްގައި ކަމުން އެއީ ޓީމަށް ދިމާވެދާނެ މައްސަލައެއްކަމަށް އާމިނަތު ހަލީމް ފާހަގަކުރިއެވެ."އަސްލު ވަރަށް ކުޑަ ދުވަސްކޮޅެއް ލިބުނީ، އުނދަގޫތަކަކާއިއެކު ތަމްރީންތައް ކުރިއަށްގެންދިޔައީ، އެކަމަކުވެސް ހިތްހަމަ ޖެހޭ ޓީމާއި ދޭތެރޭގައި" އައިމިނަތު ހަލީމް ބުންޏެވެ.ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި އެކާވީސް އަހަރުން ދަށުގެ ޓީމްގެ ކެޕްޓަން އައިޝަތު އަރޫނާ މޫސާ ބުނީ، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް އުއްމީދުކޮށްގެންކަމަށާއި، މި މުބާރާތަކީ ހުރިހާ ކުޅުންތެރިންނަށްވެސް ނެޓްބޯޅާގައި ކުރިއަށްދާން ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ."ވަރަށް އުފާވޭ އެސޯސިއޭޝަނުން ގޮންޖެހުންތައް ދިމާވެފައިވާއިރުވެސް އަޅުގަނޑުމެން ފޮނުވާތީ، ހުރިހާ ކުޅުންތެރިންނަށްވެސް ކުރިއަށްދާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް މީއީ، ރަނގަޅު ކާމިޔާބީއެއް ލިބޭނެކަމަށް އުއްމީދުކުރަން" ޓީމްގެ ކެޕްޓަން އަރޫނާ ބުންޏެވެ.12 ޤައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ، ޖަޕާން އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިޔާއެވެ.