ޚަބަރު

މުލީ އެއަރޕޯޓަށް އިތުރު 17 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ - އެމްޓީސީސީ


މުލީ އެއަރޕޯޓްގެ ޑިޒައިނަށް ގެނައި ބަދަލާއެކު އިތުރު 17 ހެކްޓަރުގެ ބިން ހިއްކަން ޖެހޭކަމަށް އެމްޓިސީސީން ވިދާޅުވެއްޖެއެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވެފައިވަނީ ރައްޔިތުންގެ މަޝްވަރާއާއެކު އެއަޕޯޓްގެ ކޮންސެޕްޓަށް ބަދަލު ގެންނަން ޖެހުމުގެ ސަބަބުންކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި ދަތުރުކޮށްފައި ދެވޭހާ ކައިރީގައި އެއަރޕޯޓެއް އޮތުމަތީ ސަރުކާރުގެ ވަޢުދެކެވެ. މިކަމާ ގުޅޭ ދިރާސާތައްކޮށް، މިގޮތަށް ހުރި ސަރަޙައްދުތަށް ދެނެގަނެ، މި އަމާޒަށް ވާސިލުވުމަށްޓަކައި އެއަރޕޯޓް ތަރައްޤީކުރާނެ ރަށްތަށް މިހާރުވަނީ ސަރުކާރުން ކަނޑައަޅާފައެވެ.

މިހާރުވެސް އެއަރޕޯޓްތައް ހެދުމުގެ މަސައްކަތްތައް ކުރުމަށް ކުންފުނިތަކާ ޙަވަލުކުރަމުން އަންނައިރު މީގެ ތެރެއިން އެ އެއަރޕޯޓަކީ މ.މުލީގައި ހަދާ އެއަރޕޯޓެވެ. މިރަށުގައި އެއަރޕޯޓެއް ހަދަން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރުވެސް އެއަރޕޯޓް ހެދުމުގެ ޢަމާލީ މަސައްކަތްތައް ފަށާފައެއްނުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ ފުރަތަމަ ހަދަން ނިންމި ކޮންސެޕްޓަކީ އެންމެ ކަމުދާ ކޮންސެޕްޓަށް ނުވުމުގެ ސަބަބުން ރަށުގެ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލުކުރަން ޖެހުމުގެ ސަބަބުންކަމަށެވެ. މިހާރު ކޮންސެޕްޓް ފައިނަލް ކުރުމަށްފަހު އީއައިއޭ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ، ލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް ފެށޭނަކަމަށް އޭނާ ވިދާޅުވިއެވެ. އެއަރޕޯޓްގެ ކޮންސެޕްޓަށް ގެނައި ބަދަލާއެކު މިހާރު އިތުރަށް ގާތްގަޑަކަށް 17 ހެކްޓަރުގެ ބިން ހިއްކަން ޖެހޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިކަމުގެ ސަބަބުންވެސް ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު އިތުރުވެފައިވާކަމަށެވެ.

"ކުރީގައި އޮތްގޮތުން ކުޑަތަންކޮޅެއް ހިއްކަން ޖެހުނީ. ކުރަންޖެހުނު މަސައްކަތް އިތުރުވަމުގެ ސަބަބުން މަސައްކަތްފެށުންވެސް ލަސްވެގެންދާނެ. އިތުރަށް ހިއްކަން ޖެހުމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައްވެސް ބަލަން އެބަޖެހޭ. ރައްޔިތުންގެ ފަރާތުން ކުރިން އަޅަން ނިންމާފައި އޮތް ހިސާބުން ކުޑަ ތަންކޮޅެއް ބޭރަށް ޖެއްސުމަށް. އެފަދަ ބަދަލުތަކުގެ ސަބަބުން ޑިޒައިން ބަދަލުކުރުމާއި އަލުން އީއައިއޭ ހަދަން އެބަޖެހޭ. ހިއްކައިގެން އެއަރޕޯޓެއް ހަދަންޏާ އީއައިއޭ ހަދައިގެން ކުރިއަށްގެންދަން ވަގުތު ނަގާ." އާޒިމް ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކުރާ މުލީ އެއަރޕޯޓްގައި 1200މީޓަރުގެ ރަންވޭއެއް ހަދާނެއެވެ. އެމްޓީސީއާ ޙަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އޭރު މުލިން ބިން ހިއްކާފައިވާ ސަރަޙައްދު އިތުރަށް ހިއްކުމާއި ވެލިގަނޑު ޙިމާޔަތްކުރުމަށް ރިވެޓްމަންޓްޖެހުން ހިމެނެއެވެ. އަދި އެއަރޕޯޓްގެ ޚިދުމަތަށް ބޭނުންވާ ޓަރމިނަލް ބިލްޑިންގް ހެދުމާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ އެއްބަސްވެފައެވެ. މ.މުލީ އެއަރޕޯޓްގެ މަސައްކަތް އެމްޓީސީއާ ޙަވާލުކޮށްފައިވަނީ 221،733،478.22 (ދުއިސައްތަ އެކާވީސް މިލިއަން ހަތް ލައްކަ ތިރީސް ތިން ހާސް ހަތަރު ސަތޭކަ ހަތްދިޔަ އަށް ރުފިޔާ ބާވީސް ލާރި)އަށެވެ.

މުލަކަތޮޅަކީ ރާއްޖޭގެ އެންމެ އެކަހެރިކޮށް އޮންނަ އެއް އަތޮޅުވެސްމެއެވެ. މުޅި އަތޮޅުގައި ޖުމްލަ 38 ރަށް އޮތްނަމަވެސް، މީގެތެރެއިން މީހުން ދިރިއުޅެނީ 8 ރަށުގައެވެ. މުލަކަތޮޅުގެ އާބާދީ އުޅެނީ 7000އިން މަތީގައެވެ. މިވަގުތު މުލަކަތޮޅުގައި އެންމެ ރިސޯޓެއް ހިންގަމުން އައިނަމަވެސް، ކުރިމަގުގައި ސަރުކާރުގެ އަމާޒަކީ އެއަތޮޅުގައި އޮތް އިތުރު 13 ފަޅުރަށެއް ފަތުރިވެރިކަމަށް ދޫކުރުމެވެ. މިއީ މި ސަރަޙައްދަށް ވައިގެ ބަނދަރެއްގެ މުހިންމުކަން އެންމެ ބޮޑުވާ އެއް ސަބަބުވެސް މެއެވެ. މުލީ އެއަރޕޯޓާއެކުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވުމުގެ އުންމީދު ބޮޑެވެ.