ޚަބަރު

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭން : ބިމުގެ %50 ބޯހިޔާވަހިކަމަށް


ހުޅުމާލެއަކީ ރާއްޖޭގަ ޚާއްސަ މާސްޓަރ ޕްލޭނަކާއެކު ތަރައްޤީކުރާ ހަމައެކަނި ސިޓީއެވެ. ހުޅުމާލޭގެ މާސްޓަރ ޕްލޭން އެކުލަވާލުމުގަ އެންމެ ބޮޑު އިސްކަމެއްދެނީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. ހުޅުމާލެ ތަރައްޤީކުރަމުންދަނީ އެތަނުގަ ދިރުއުޅޭ އާބާދީއާ އެއްވަރަށް އެތަނުގައި ޢާއްމު ޚިދުމަތްތަކާއި ވިޔަފާރިތައް ހިމަނައިގެންނެވެ.

188 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތާއެކު ހުޅުމާލެ ތަރައްޤީކުރަންފެށީ 1997ގައެވެ. ހުޅުމާލެ ތަރައްޤީކުރަން ފެށުމުގެ ވިއްނުމަކަށްވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތެވެ.

ހުޅުމާލޭގަ ފުރަތަމަ މީހުން ވަޒަންވެރިވާންފެށީ 2002ވަނަ އަހަރުއެވެ. އޭގެފަހުން މިހާރު 23އަހަރު ފުރިފަވާއިރު، ހުޅުމާލޭގެ އާބާދީ މިއަހަރުގެ ނިޔަލަށް ލައްކައަކަށް އަރާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ލަފާކުރައްވައެވެ.

ހުޅުމާލޭގެ ލޭންޑް ޔޫސް ޕޭލް ކޮންމެ 5 އަހަރަކުން އަންނަނީ ރިވިއުކޮށް، އެވަގުތަކަށް މުހިންމު ބަދަލުތައް ގެންނަމުންނެވެ. އެޗްޑީސީން ހުޅުމާލެ ތަރައްޤީކުރުމުގައި އެންމެ އިސްކަމެއްދެއްވަނީ ބޯހިޔާވަހިކަމަށް ވީހާވެސް ބޮޑު ޖާގައެއް ދެއްވުމަށެވެ. "ސްމަރޓް ސިޓީ" ހުޅުމާލޭގެ ޕްލޭން ރާވާފަވަނީ ދިރުއުޅޭ އާބާދީއާ އެއްވަރަށް އެތަނުގައި ޢާއްމު ޚިދުމަތްތަކާއި ވިޔަފާރިއާއި ހުސްޖާގަތައް ހިމެނުމަށެވެ.

ހުޅުމާލޭގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ މަޢުލޫމާތު ދެއްވަމުން އެޗްޑީސީންގެ ޑިރެކްޓަރ ޕްލޭނިންގ ހުސައިން ޒިޔަތު ވިދާޅުވީ ހުޅުމާލޭގައި ޢިމާރާތްކުރުމަށް ކަނޑައަޅާ ބިމުގެ %50ޚާއްސަކޮށްފަވަނީ ބޯހިޔާވަހިކަމަށް ކަނޑައަޅާ ބިމުގެ ގޮތުގަކަމަށެވެ. މި އާބާދީއަށް ބޭނުންވާ ސްކޫލް، މިސްކިތް، ހޮސްޕިޓަލް، ޕާކު، ކުޅިވަރު އޭރިއާ އަދި އޮފީސް ޢިމާރާތްތައް ހެދުމަށް، ހުޅުމާލޭގައި ޢިމާރާތްކުރުމަށް ޚާއްސްކޮށްފަވާ ބިމުގެ %33ވަނީ ކަނޑައަޅާފައެވެ.

ބިމުގެ ބާކީ %17 ޚާއްސަކުރަނީ ވިޔަފާރިއާ ސިނާޢީ މަސައްކަތްތަކަށެވެ. ވިޔަފާރީގެ މަސައްކަތްތަކަށް ދޫކުރާ ބިންތަކާއެކު ހުޅުމާލޭގަ 90،000އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިވާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

"ހުޅުމާލޭގެ ޕްލޭނަކީ އެކި ސަރުކާރުތަކުގެ ސިޔާސަތުތަކަށް ބިނާކޮށް ހަދާ ދުރު ރާސްތާ ޕްލޭނެއް. ކޮންމެ 5 އަހަރަކުން މި ޕްލޭން ރިވިއުކުރޭ. ބޯހިޔާވަހިކަމުގެ އިތުރުން އަސާސީ ޚިދުމަތްތަކާ ވަޒީފާގެ ފުރުޞަތުތަށް އިތުރުކުރުމަށް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށްވެސްވަނީ ޖާގަ ކަނޑައަޅާފައި." ޒިޔަތު ވިދާޅުވިއެވެ.

ހުޅުމާލޭގެ ބިމުގެ %50 ބޯހިޔާވަހިކަމަށް ދޫކުރުމަށް ނިންމާފަވާއިރު، މީގެތެރޭގައި އެކި ފަންތީގެ ބޯހިޔާވަހިކަން ހިމެނެއެވެ. އެގޮތުން %54 ޚާއްސަކުރަނީ އިޖުތިމާއީ ނުވަތަ ސޯޝަލް ހައުސިންއަށެވެ. މިޑް-ރޭންޖް ހައުސިންއަށް %16، ޕްރައިވެޓް ހައުސިންއަށް %15، ހައި އެންޑްއަށް %8، އަދި %7 ޚާއްސަކުރަނީ ލަގްޒަރީ ފެންވަރުގެ ހައުސިންއަށެވެ.

މިވަގުތުވެސް ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނެހެން ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. ހުޅުމާލޭގައި ހިންގި އެންމެ ބޮޑު ހައުސިންގ މަޝްރޫޢު ހިޔާގެ 6720 ހައުސިން ޔުނިޓަށްވެސް މިހާރުވަނީ އާއިލާތަކުން ބަދަލުވާން ފަށާފައެވެ. އަދި ޢާމްދަނީ މަދުންލިބޭ އާއިލާތަކަށް ޚާއްސަކޮށްގެން ހަދާ ކައުންސިލް އަދި އެފޯޑަބަލް ހައުސިންގެ 10،000 ޔުނިޓްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މެދުފަންތިއަށް އަމާޒުކޮށްގެން 2530 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދެއެވެ. މަތީ ޢާމްދަނީ ލިބޭ ފަރާތްތަކަށް ޚާއްސަކޮށްގެން މިހާތަނަށް ހުޅުމާލޭގައި 18 ރޯހައުސް ތަރައްޤީކޮށްފައިވެއެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭގޮތަށް ބިޑް އުސޫލުން މިހާތަނަށް 731 ގޯތި ހުޅުމާލެއިންވަނީ ދޫކޮށްފައެވެ.