ތިމާވެށި

މޫސުމާ ގުޅޭ ގިނަ މަސައްކަތްތަކެއް އެއޯސިސްއިން ކޮށްފައިވޭ


މޫސުމަށް އަންނަ ބަދަލުތަކާ
ބެހޭގޮތުންނާ ދެމެހެއްޓެނިވި ތަރައްޤީއާއި ބެހޭ ގޮތުން މުޙިއްމު މަސައްކަތްތަކެއް
އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް ( އެއޯސިން ) އިން ކޮށްފައިވާކަމަށް
މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.



މިނިސްޓަރ ޠޯރިގް މިހެން ވިދާޅުވީ
އެއޯސިސްއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ޕެރިހުގައި ބޭއްވި
ރަސްމިއްޔާތުގައި އެއޯސިސްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ފަރާތުން
ވާހަކަދައްކަވަމުންނެވެ.



މިނިސްޓަރ ވިދާޅުވީ މޫސުމަށް
އަންނަ ބަދަލުތަކުގެ ވާހަކައާއި ދެމެހެއްޓެނެވި ތަރައްޤީގެ ވާހަކަ
ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނަން އެއޯސިސްއިން ވަރަށް ބޮޑަށް
މަސައްކަތްކޮށްފައިވާކަމަށެވެ.



މީގެ 26 އަހަރު ކުރިން މާލޭގައި
ކުދިޖަޒީރާ ގައުމުތަކުގެ ލީޑަރުން ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވަނީ މޫސުމަށް
އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދެމެހެއްޓެނިވި ތަރައްޤީއާއި
ބެހޭގޮތުން  މަޝްވަރާކޮށްފައި، މިނިސްޓަރ
ވިދާޅުވިއެވެ.



މޫސުމަށް އަންނަ ބަދަލުތަކުގެ
ސަބަބުން އެއޯސިސްގެ ގައުމުތަކަށް ގިނަ ގެއްލުންތަކެއްވަމުންދާ ކަމަށާއި އެ
ސަބަބާއި ހެދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ދުނިޔޭގެ
ގައުމުތަކަށް ބާރުއަޅުއްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



އެއޯސިސްގެ މިހާރު
ދައުރަކަށްވާންވީ ކަންކަން ތަންފީޒުކުރުމާއި ޖަވާބުދާރީކުރުވުންކަމަށް މިނިސްޓަރ
ވިދާޅުވިއެވެ.



މިނިސްޓަރ ތޯރިގް ވަނީ
މިރަސްމިއްޔާތުގައި ފޮތެއް ނެރެދެއްވާފައެވެ. މިފޮތުގައި އެއޯސިސް އުފެދިގެން އައި
ގޮތާއި ކިޔޮޓޯ ޕްރޮޓޮކޯލްއާއި ބެހޭ މައުލޫމާތާއި ކުދި ޖަޒީރާ ގައުމުތަކުން
ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު
ހިމަނުއްވާފައިވެއެވެ.



މިރަސްމިއްޔާތުގައި ރާއްޖެއިން އދ
އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރުއާއި
އެއޯސިސްގައި ހިމެނޭ އެހެން ބައެއް ޤައުމުގެތަކުގެ އިސް ބޭފުޅުން
ބައިވެރިވެވަޑައިގަތެވެ.