ޚަބަރު

"ތުޅާދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް"


ބ.ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސަކަތަކީ އެމްޓީސީސީން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާނެ މަސައްކަތެއްކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގައި އެމްޓީސީސީން ހިންގާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް ކުރެވި ދަތުރުފުޅުގައި ތުޅާދޫގެ ގިރަމުންދާ ސަރަހައްދު ބައްލަވާ ލެވުމަށްފަހު މީޑިއާއަށް މަޢުލޫމާތުދެމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ތުޅާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތަކީ މިހާރުންމިހާރަށް ވަރަށް މުހިންމު މަސައްކަތެއްކަމަށާ، އެމްޓީސީސީން އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.

ބ.އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ތުޅާދޫގެ އުތުރު ފަރާތުން ނުވަ ސަތޭކައެއްހައި ފޫޓްގެ ސަރަހައްދެއް ގިރަމުންދެއެވެ. މިވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެސަރަހައްދުން 15 ފޫޓަށްވުރެ ބޮޑު ސަރަހައްދެއްވަނީ ގިރައިގެންގޮސްފައިވެއެވެ.

މިކަމަކީ ކޮންމެހެން ހައްލުކުރަންޖެހޭ ކަމެއްކަމަށް ވާތީ، ގިރާ ސަރަހައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށް ފަށާފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. މިމަސައްކަތް ހިނގާގޮތް ބައްލަވާލެވުމަށް ކުރެއްވި ދަތުރު ފުޅުގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިސަރަހައްދު ޙިމާޔަތް ކުރުމަށް ބޭނުންވާ ޖީއޯ ބޭގްސް މިމަހުގެތެރޭގައި ލިބޭނެކަމަށެވެ. އޭގެކުރިން އެބޭގްތަކަށް އަޅާ ވެލި ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

"ކަމުގެ ސީރިއަސްކަން މި ފެނުނީ ބަލާލީމަ. މިއީ މިހާރުން މިހާރަށް މަސައްކަތު ސްޕީޑް ބާރަށް ކުރިއަށް ގެންދަން ޖެހޭ މަޝްރޫއެއްކަމަށް ދެކެން، ސަރުކާރުންވެސް ވަރަށް ޚާއްސަ އިސްކަމެއް ދޭކަމެއް މިއީ. އެއީ މީހުން ދިރިއުޅޭ ގެތަކަށް މިކަމުގެ އަސަރުކޮށްފާނެތީ" އާޒިމް ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ މިރަށު ރައްޔިތުން އަބަދުވެސް މިޝަކުވާ ކުރެއެވެ. މިކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަމާލުކަމަށްވެސް އެރަށު މީހުން ވަނީ މިމައްސަލަ ގެންގޮސްފައެވެ.

މިމައްސަލަ މިހާރުންމިހާރަށް ހައްލުނުވެއްޖެނަމަ އޭގެ އަސަރު އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ކުރުމުގެ ފުރުސަތު ވަރަށްބޮޑަށް އެބައޮތެވެ. މިހާރުވެސް މިސަރަހައްދުގެ ގެތަކަށް ލޮނުގެ އަސަރު ކުރާކަމުގެ ޝަކުވާ ލިބޭކަމަށް އެރަށު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު މަނިކު ވިދާޅުވިއެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މިމަސައްކަތް އެމްޓީސީސީން ކުރިއަށްގެންދަނީ މިހާރު ކޮނެފައިއޮތް ފަޅުން ވެލިނަގައިގެންނެވެ. އެއީ އެފަޅު ތިލަވާތީ އެކަމަށް ހައްލުހޯދައި ދިނުމުގެ ބޭނުމުގައިކަމަށް އެކުންފުނިން ވިދާޅުވެއެވެ. ޙިމާޔަތްކުރާ ބިންގަނޑު އެއް ވަރުކުރުމަށާއި ޖީއޯ ބޭގްތަކަށް އެޅުމަށް މަދުވެގެން 11،700 އަކަމީޓަރުގެ ސަރަހައްދުގެ ސަރަޙައްދަކަށް ވާވަރަށް ވެލި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ތުޅާދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް 280 މީޓަރުގެ ސަރަޙައްދެއްގައި ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުއަށް 10.13 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް މިއަހަރު ފަހުކޮޅު ނިންމާލެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.