ޚަބަރު

މިއަދުވެސް ކޯވިޑަށް 86 މީހަކު ޕޮޒިޓިވް

ކޯވިޑް-19އަށް އިތުރު 86 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ކޯވިޑްއަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އިތުރުވުމަށްފަހު މިއަދު އަނެއްކާވެސް ޢަދަދުތައް ވަނީ ކޮންމެވެސް ވަރަކަށް ދަށަށްގޮސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 86 މީހުން ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވީ 53 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 4 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަވަނީ 84103 އަށް އަރާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެވްރެޖްކޮށް ހުންނަނީ 50އަށްވުރެ ދަށުގައެވެ.

އެންމެ ފަހުން ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގައި މިވަގުތު 1653 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 18 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 107 މީހަކު ކޯވިޑް ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް މިބަލިޖެހުނު މީހުންގެ ތެރެއިން 82208 މީހަކުވަނީ ބަލިން އެއްކޮށް ރަނގަޅުވެފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4172 ސާމްޕަލްވަނީ ޓެސްޓުކޮށްފައެވެ.