ކުޅިވަރު

ރިއަލް އައިލެންޑް އަދި ފީއަލި ފައިނަލަށް


އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލުން ލ.ގަން ރިއަލް އައިލެންޑް އަދި ފ.ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ރިއަލް އައިލެންޑް ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކ.މާފުށީ ނިއުސްޓާރ ސްޕޯޓްސް ކްލަބް ހަތަރު ލަނޑުގެ ތަފާތުން ބަލިކޮށްގެންނެވެ. ކ.މާފުށީ ނިއުސްޓާރ ސްޕޯޓްސް ކްލަބަށް އެޓީމްގެ ދެ އިނިންގްސްގައި ހެދުނީ ތިރީސް ހަތަރު ލަނޑު ހަތަރު ފޯއްޔެވެ. ރިއަލް އައިލެންޑުން މެޗުގައި ތިރީސް އަށް ލަނޑު ހެދިއެވެ.އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި ހުޅުމާލޭ ވިމެންސް ސްޕޯޓްސް ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވާދަކުރި ޓީމްގެ ދެ އިނިންގްސްގައިވެސް ދެ ޓީމަށްވެސް ހެދުނީ ތިރީސް އަށް ލަނޑެވެ. އެހެންކަމުން ނަތީޖާ ނެރުނީ ކޮންމެ ޓީމެއް ދެ މިނެޓްގެ އެއް އިނިންގްސް ކުޅެގެންނެވެ. ފީއަލީ ޓީމް މެޗުގައި ސާޅީސް ދެ ލަނޑު ދެ ފޯލި ހެދިއިރު، ހުޅުމާލޭ ވިމެންސް ސްޕޯޓްސްއަށް ހެދުނީ ސާޅީސް އެއް ލަނޑު ހަ ފޯއްޔެވެ. ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރުގައެވެ. މިއަހަރުގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ އެކާވީސް ޓީމްވަނީ ބައިވެރިވެފައެވެ.