ވިޔަފާރި

އުތުރު އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރަން، އައިއެލްޓީއެމް ފެއަރއަށް


އުތުރު އެމެރިކާގެ ޤައުމުތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން އައި.އެލް.ޓީ.އެމް ފެއަރގައި ބައިވެރިވެއްޖެއެވެ.

މި ފެއާ ކުރިއަށްދަނީ މިމަހު 20އިން 23ވަނަ ދުވަހުގެ ނިޔަލަށް މެކްސިކޯގެ ރިވީރިޔާ މާޔާގައެވެ. މިޚާއްސަ ފެއާ ގައި, އުތުރު އެމެރިކާގެ ޓްރެވެލް ޓްރޭޑްގެ އެންމެ މަގުބޫލު ފަރާތްތަކުން ބައިވެރިވެއެވެ.

އެގޮތުން މި ފެއާގައި ދުނިޔޭގެ ފެންވަރުގެ 60 އެގްޒިބިޓަރުން ބައިވެރިވެއެވެ. ރާއްޖޭގެ ރީތި ނަން ދަމަހައްޓައި އުތުރު އެމެރިކާގެ ޓްރެވެލް ޓްރޭޑާ ގުޅުން ބަދަހިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްފުންތަކާއި ތަޖުރިބާތައް އިސްތިހާރުކުރުމަށް މި ފެއާގައި ފުރުސަތުލިބޭނެ ކަމަށް ވިޒިޓް މޯލްޑިްވސްއިން ހާމަކުރެއެވެ.

މި ފެއާގައި ބައިވެރިވުމަކީ ވިޒިޓް މޯލްޑިވްސްއިން އެމެރިކާގެ ފަތުރުވެރިކަމުގެ ބާޒާރަށް ރާއްޖެ ފުޅާކޮށް އިސްތިހާރުކޮށް އެކި ސެގްމެންޓުތަކުގެ ތަޖުރިބާތައް ދައްކުވައިދޭ ސްޓްރެޓެޖީ ތަކުގެ ތެރެއިން ހިމެނޭ އެއް ޙަރަކާތެވެ. މި ބާޒާރަށް އަމާޒްކޮށް އިތުރު އެހެން ހަރަކާތްތައްވެސް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައިވެއެވެ. މީގެ ތެރެއިން ފެމް ޓްރިޕްތަކާއި ވޯތު މެގަޒިންއާ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނާއި ފިޒިކަލް އަދި ވާޗުއަލް އިވްނެޓްތަކުގެ ބައިވެރިވުމާއި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިންތައް ހިމެނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އެމެރިކާގެ ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު 75919 ފަތުރުވެރިން އެމެރިކައިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ދިވެހިރާއްޖެއަށް 8ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީވެސް އެމެރިކާއިންނެވެ. މިއަހަރުގެ 15 ސެޕްޓެމްބަރުގެ ނިޔަލަށް 32976 ފަތުރުވެރިން އެމެރިކާއިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއީ މިއަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިކަމުގެ ބާޒާރެވެ.