ޚަބަރު

އަންނަ އަހަރު ފުޅަދޫ ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ - އެމްޓީސީސީ

އެމްޓީސީސީން މިހާރުކުރިއަށް ގެންދާ ބ.ފުޅަދޫ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅުގައި އެމްޓީސީސީން ހިންގާ މަޝްރޫޢުތަކާއި ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ބައްލަވާލެވުމަށް ކުރެއްވި ދަތުރުފުޅުގައި އާދަމް އާޒިމް ވިދާޅުވީ އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ފުޅަދޫ ބަނދަރުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިބަނދަރުގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށެވެ. ނަމަވެސް އެމުއްދަތަށް ނުނިމުނީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ބަނަދަރު ހެދުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ އެތެރެކުރުމުގައި ދިމާވި ދަތިތަކާހުރެއެވެ. އަދި މުދާ ހިފައިގެން ފުޅަދޫއަށް ދާ އުޅަނދު ފަހަރަށްވެސް ނުވަދެވި ލަސްވުމަކީ މަސައްކަތް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިރަށު ބަނދަރު ހެދުމަށް ބޭނުންވާ ޖީއޯ ބޭގްސް މިހާރު ކަނޑުމަތީގައި ހުންނަތާ މިވީ ހަމަސް އެއީ ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރަށް އަންނަ ބަދަލުތަކާއެކު. މިތަކެތިވެސް ލަސްތަކެއް ނުވެ ދެން ލިބޭނެކަމަށް މިބަލަނީ އަމާޒަކީ އަންނަ އަހަރުގެ މާޗްމަހަށް މަސައްކަތް އެއްކޮށްނިންމާލުން." އާޒިމް ވިދާޅުވިއެވެ.

ލަފާ ފުރޭނެ ރައްކާތެރި ފަސޭހަ ގޮތެއްނެތިފައި ތިބި މިރަށުގެ ރައްޔިތުން ބުނީ ބަނދަރަކީ އެމީހުންނަށް ސަރުކާރުން ދެއްވި އެންމެއަގުހުރި ހަދިޔާކަމަށެވެ. ބަނދަރެއްނެތުމުގެ ސަބަބުން ވިއްސާރަވެ ވައިގަދަވާ ދުވަސްތަކުގައި އޮޑިދޯނިފަހަރު ބަލަހައްޓަން ހޭލާ ތިބެންޖެހޭޖެހުނު ޒަމާން މިހާރު މާޒީވެ ގޮސްފައިވާކަމަށް ރައްޔިތުން ބުނެއެވެ.

"މިހާރު ނުޖެހޭ ވިސްނާކަށް ބަނދަރުގައި އޮޑި ދޯނިފަހަރު އެޅޭ. މީހުންނަށް އަރާ ފޭބޭ. މިވަރު ބޮޑު އުފަލެއް ފުޅަދޫ ރައްޔިތުންނަކަށް ނުލިބޭނެ." ފުޅަދޫއިން ވާހަކަ ދެއްކި މީހުން އުފަލާއެކީ ކިޔައިދިނެވެ.

އާބާދީގެ ގޮތުން މަދު ބަޔަކު ދިރިއުޅޭ މިރަށުގައި ބަނދަރެއް ހެދުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެތެރޭގައެވެ.
އެރަށު ކައުންސިލްގެ ރައީސް ޢަލީ އަޒްހަރު ވިދާޅުވީ ތަރައްޤީގެ ރޮނގުގައި ފުޅަދޫ ރައްޔިތުން ކުރަމުންއަންނަ މިއުންމީދު މިހާރު ފުރިހަމަ ވެފައިވާކަމަށެވެ. އެއީ މާލެ ދަތުރު ކުރާ ބޯޓްތަކާއި ފެރީ ލޯންޗާއި އަތޮޅު ފެރީ ރަށައް ކައިރިކޮށް އެއުފާ ރައްޔިތުން ހޯދަމުންދާތީކަމަށް އޭނާ ބުންޏެވެ.

"މިދުވަހަށް އަބަދުވެސް އިންތިޒާރު ކުރިން. މިހާރު އެކަން ހާސިލްވީ ބަނދަރުގެ ބޭނުން މިހާރުވެސް އެބަ ކުރެވޭ. އެއްކޮށް ނުނިމުނަސް މިހާރު ރައްޔިތުން ތިބީ އުފަލުން. ރަށުން ފުރޭނެ ގޮތެއް ނެތިފައި ތިބި ފުޅަދޫ ރައްޔިތުންގެ އުންމީދު ފުރިހަމަވެ، ބަނދަރު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުންތިބީ." އެރަށު ކައުންސިލްގެ ރައީސް ޢަލީ އަޒްހަރު ވިދާޅުވިއެވެ.

މިހާރު މިބަނދަރުގައި ކުރިއަށްދަނީ ބޭރުތޮށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި ބަނދަރަށް އަރައި ފޭބުމަށް ހަދާ ބްރިޖް ހަދަން ބޭނުންވާ ތަނބާއި ޝީޓްތައް އެޅުމުގެ މަސައްކަތެވެ. މިއީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހިކޮށް ފަރުމާކޮށްގެން ހަދާ ދެވަނަ ބަނދަރެވެ.