ކުޅިވަރު

މެޗްގެ ސަބަބުން ކުޅުންތެރިންނަށް އިތުރާބު ލިބިއްޖެ - އިންމަ


އެކުވެރިކަމުގެ ފުރަތަމަ މެޗުންވެސް ރަނގަޅު ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފައިވާކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފިއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް ގަތަރުގައި ކުރަމުންދާ ކޭންޕްގެ ތެރެއިން ކުޅުނު ފުރަތަމަ މެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އާއި ވާދަކޮށް 4 ލަނޑު 3 ލަނޑުންނެވެ. މިމެޗްގެ އިތުރުންވެސް ގައުމީ ޓީމް އިތުރު އެއް މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ގައުމީ ޓީމް ބައްދަލުކުރާނީ ގަތަރުގެ އާމީ ކްލަބާއެވެ.

ގައުމީ ކޯޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ގައުމީ ޓީމް ގަތަރަށް ފުރަން 2 ދުވަހަށްވެފައިވަނިކޮށެވެ. ކޯވިޑުން ރަގަނޅުވެ ސުޒޭން މިހާރު ގަތަރަށް ގޮސްފައިވާއިރު، ޓީމާއި ކޯޗް ސުޒޭން ގުޅޭނީ ގަތަރަށް އައިސް ހެދި ކޯވިޑް-19ގެ ނަތިޖާ ލިބުމުންނެވެ. މިމެޗްގައި ގައުމީ ޓީމަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ބުނީ ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، މެޗެއް ނުކުޅެ ތިބުމުން ކުޅުންތެރިންނަށްވެސް އުދަގޫވާކަމަށާއި މެޗްގެ ފުރަތަމަ ހާފްގައި ޓީމުގެ ކުޅުންތެރިންނަށް ކުޅެން އުނދަގޫވީ، ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ނުކުޅެ ތިބުމުގެ ސަބަބުންކަމަށް އިންމަ ބުންޏެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފްގެ މެދަކާއި ހަމައިން ފެށިގެން ކުޅުންތެރިން ފޯމަކަށް އެޅި މެޗްގައި މޮޅު ކުޅުމެއް ދައްކަމުންދިޔަކަމަށެވެ.
.
"ކޮންފިޑެންސާއެކު ކުޅެން މަސައްކަތްކޮށްފިއޭ ބުނެވޭނީ. ޕްލޭޔަރުންގެ ދަނޑުމަތީގެ އެޓިޓިއުޑް. ދަނޑުމަތީގެ ޑިސިޕްލިން ގޯސް ކަންތައްތަކަށް ވުރެ ރަނގަޅު ކަންތައްތައް ކިތަންމެ ހާ ވެސް ގިނަ. ފުރަތަމަ މެޗާ އަޅާބަލާއިރު. އެހެންވީމަ މި ރަނގަޅު ޕާފޯމަންސް އިތުރަށް ރަނގަޅު ކޮށްގެން މެއިންޓެއިން ކުރާނަން. އަޅުގަނޑުމެންގެ ފޯކަސް އަކީ ސާފް ޗެމްޕިއަންޝިޕް. އެ އަށް ފޯކަސް ކޮށްގެން ނަތީޖާ ނެރެން ކުރާނެ ހުރިހާ ކަމެއް ޕްރެކްޓިސް މެޗުތަކުގައި ކުރާނަން. އިރާދަކުރެއްވިއްޔާ މި މެޗުގައި ފުރުސަތު ނުލިބުނު ކުޅުންތެރިންނަށް ދެން އަންނަ މެޗެއްގައި ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރަނީ،" އިންމަ ބުންޏެވެ.

އުރީދޫ ސާފެ ޗެންޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.