ދުނިޔޭގެ ވިޔަފާރި

އަންނަމަހު އިންޑިއާއިން އަލުން ވެކްސިން އެކްސްޕޯޓްކުރަން ފަށަނީ


ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިއާއިން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން އަންނަ އޮކްޓޫބަރުމަހު ފަށަން ނިންމާފައިވާކަމަށް އެ ޤައުމުގެ ސިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

ވެކްސިން ފޯރުކޮށްދޭން އަނެއްކާވެސް ފަށަން ނިންމާފައިމިވަނީ މިދިޔަ އޭޕްރީލްމަހު ކޯވިޑްގެ އައު ރާޅެއް އިންޑިއާއަށް އައުމާއި ގުޅިގެން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން ހުއްޓާލާފައި އޮތުމަށްފަހުއެވެ.

އިންޑިއާގައި މަހެއްގެ މައްޗަށް ވެކްސިން އުފައްދާ މިންވަރު އިތުރުވެފައިވާއިރު އަންނަމަހު 300 މިލިއަން ޑޯޒަށްވުރެ ގިނަ ޑޯޒް އުފައްދަންވެސް ވަނީ ނިންމާފައެވެ. އަދި ވެކްސިން ޤައުމުތަކަށް ފޯރުކޮށްދޭނީ އިންޑިއާއަށް ބޭނުންވާ ވަރަށް ވެކްސިން ބެހެއްޓުމަށްފަހުގައި ކަމަށްވެސް ސިއްޚަތާއިބެހޭ ވަޒީރު މަންސުކް މަންޑަވިޔާ ވަނީ ވިދާޅުވެފައެވެ.

ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން އޭޕްރީލްމަހު ހުއްޓާލުމުގެކުރިން އިންޑިއާއިން ވަނީ 100 އަށްވުރެ ގިނަ ޤައުމަށް 66 މިލިއަން ޑޯޒް ފޯރުކޮށްދީފައެވެ.

ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެކަމަށް އިންޑިއާއިން އިޢުލާންކޮށްފައި މިވަނީ ކުއާޑް ޤައުމުތައްކަމަށްވާ އެމެރިކާ، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާގެ ލީޑަރުން ބައްވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ވަޑައިގަތުމުގެ ކުރިންނެވެ. މި ސަމިޓްގައި ވެކްސިނާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.

އިންޑިއާގެ މުޅި އާބާދީކަމަށްވާ 944 މިލިއަން މީހުންނަށް މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ވެކްސިން ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާއިރު މިހާތަނަށް 64 އިންސައްތަ މީހުންވަނީ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި 22 އިންސައްތަ މީހުންވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

މީގެއިތުރުން އަހަރަކު 3 ބިލިއަން ކޮވިޑް ވެކްސިން އުފެއްދުމުގެ އިންތިޒާމް އިންޑިއާގެ ކުންފުނިތަކުން ވަނީ ހަމަޖައްސާފައެވެ.