ޚަބަރު

އަލިފުށީ އެއަރޕޯޓުގެ އީއައިއޭގެ މަސައްކަތަށް 3 މަސްދުވަސް ހޭދަވާނެ - އެމްޓީސީސީ


ރ.އަލިފުށީގައި ސަރުކާރުން ހަދަން ނިންމާފައިވާ އެރަޕޯޓުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓްގެ މަސައްކަތް ނިންމުމަށް މަދުވެގެން 3 މަސްދުވަސް ނަގާނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢަކީ ރާއްޖޭގެ ކުންފުންޏަކާ ޙަވާލުކޮށްގެން މިހާތަނަށް ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެކެވެ.

ރ.އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިމަހުގެ 1ވަނަ ދުވަހުގައެވެ. މިއީ އެމް.ޓީ.ސީ.ސީގެ 40 އަހަރުވީ ދިގު ތާރީޚުގައި އެކުންފުންޏާ ޙަވާލުކުރި އެންމެ ބިޔަ މަޝްރޫޢުކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓްގެ މަސައްކަތް ފެށުމުގެ ކުރިން މިވަގުތު މަޝްރުއުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށެވެ. އަދި އެމަސައްކަތް ނިންމާ މިމަހުގެ ތެރޭގައި އަލިފުށީ ކައުންސިލާއި ރަށުގެ ކަމުވޮށިގެންވާ މީހުންގެ ޚީޔާލު ހޯދައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އީއައީއޭ ހެދުމަށްޓަކައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދައަށް މިވަގުތު އެދިފައިވާކަމަށާ ހުއްދަ ލިބުނުހާ އަވަހަކަށް އީއައީއޭ ހެދުމުގެ މަސަައްކަތް ފަށާނެކަމަށެވެ.

"މިފަދަ ބޮޑު މަޝްރޫޢެއް ސަރުކާރުން އަޅުގަނޑުމެންނަށް ޙަވާލު ކުރީ، ކުންފުންޏާ މެދު އޮންނަ އިތުބާރާއެކު. މިހާތަނަށް އަޅުގަނޑުމެންނާ ހަވާލުކުރި އެއްވެސް މަސައްކަތެއް ހުއްޓިފައެއް ނޯންނާނެ. 65 މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. މި މަސައްކަތް ފެށުމަށްވެސް މިހާރު މި އަންނަނީ ތައްޔާރުވަމުން." އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

އަލިފުށީގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކާ އެއަރޕޯޓު ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެއް ފަހަރާ މިހާ ބޮޑު ސްކޯޕެއްގައި ސަރުކާރު ކުންފުންޏަކަށް މަޝްރޫޢެއް ޙަވާލުކުރި ފުރަތަމަ ފަހަރެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްޤީކުރާ މިމަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެއަރޕޯޓު ތަރައްޤީކުރުމަށާއި އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓު ހެދުމަށް ޚާއްސަކޮށްފައިވާ ބިމެވެ. އަދި އަނެއް 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްޤީއަށާއި ގެދޮރުވެރިކަމަށް ބޭނުންކުރުމަށް ހިއްކާ ބިންކަމުގައި ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

1200 މީޓަރުގެ ދިގު ރަންވޭއަކާއެކު އެއަރޕޯޓަށް ބޭނުންވާ ޢުމްރާނީ ތަރައްޤީ ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިކަމަށް ހިއްކާ ބިން ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ފައިކަށި ޖެހުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކަރުގެ އަމާޒަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ކޮންމެ ބައިގަޑިއަކުން ދަތުރުކުރެވޭނެ ފަދަ ވައިގެ ދަތުރުފަތުރު ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން މިހާރުވެސް އެމްޓީސީސީން އަންނަނީ ގދ.ފަރެސްމާތޮޑާ އެއަރޕޯޓު ހެދުމުގެ މަސައްކަތްކުރަމުންނެވެ. އަދި މުލީ އެއަރޕޯޓްގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.