ކުޅިވަރު

ކޯވިޑުން ރަނގަޅުވެ ކޯޗު ސުޒޭން ގަތަރަށް ފުރައިފި


ކޯވިޑް-19އިން ރަގަނޅުވެ ދިވެހި ގައުމީ ޓީމުގެ ކޯޗް ޢަލީ ސުޒޭން ގަތަރަށް ފުރައިފިއެވެ. މިއަންނަ މަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. މިމުބާރާތަށް ތައްޔާރުވުމަށް ގަތަރުގައި ކޭންޕް ކުރުމަށް ގައުމީ ޓީމް ފުރަން އެއް ދުވަހަށްވެފައި އޮއްވާ ކޯޗް ޢަލީ ސުޒޭން ކޯވިޑް-19އަށް ޕޮޒިޓިވްވުމުންނެވެ. ނަމަވެސް ކޯވިޑް-19އިން ރަގަނޅުވެގެން ސުޒޭންވަނީ ޓީމާއި ގުޅުމަށް މިރޭ ގަތަރަށް ފުރާފައެވެ.

ސާފް ޗެންޕިއަންޝިޕަކީ ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމު ގަތަރަށް ފުރާފައިވަނީވެސް މާލޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށްފަހުއެވެ. ތަޖްރިބާކާރު ކޯޗް ޢަލީ ސުޒޭން ގައުމީ ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވާއިރު، މިއީ ސާފް ޗެންޕިއަންޝިޕް މުބާރާތުގައި ގައުމީ ޓީމަށް ދިވެހި ކޯޗެއް އިރުޝާދު ދޭ ފުރަތަމަ ފަހަރެވެ. ކޯޗުގެ އިތުރުން މިފަހަރުގެ މުޅި ޓީމުގައިވެސް މަސައްކަތް ކުރަމުންދަނީ ދިވެހި ކޯޗުންނެވެ. އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އިސްމާޢީލް މަހުފޫޒްއެވެ. ގޯލް ކީޕަރު ކޯޗަކީ އަސްލަމް ޢަބްދުއްރަހީމެވެ. އަދި އަސްލަމަށް އެހީތެރިވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ގޯލް 17 އަހަރުވަންދެން ބެލެހެއްޓި އިމްރާން މުޙައްމަދެވެ. ގައުމީ ޓީމް ގަތަރުގައި ކޭންޕް ކުރަމުންދިޔައިރު، ސުޒޭން ދިއުމާއި ހަމައަށް މިހާތަނަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހުފޫޒްގެ ބެލުމުގެ ދަށުންނެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕަކީ ގިނަ ގޮތް ގޮތުން ތަފާތު މުބާރާތެކެވެ. ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި މުބާރާތް ކުރިއަށްދާއިރު، އެހެން އަހަރުތަކާއި ހިލާފަށް މިމުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. 5 ގައުމް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. ސާފް ޗެންޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1997ވަނަ އަހަރުއެވެ. މިމުބާރާތް މިހާތަނަށް 12 ފަހަރު ބާއްވާފައިވާއިރު، ރާއްޖެއިންވަނީ 2 ފަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. އަދި ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގައި ވާދަކުރަން ފެށި ފަހުން، އެންމެ މަދުވެގެން ރާއްޖެއިން ކޮންމެ ފަހަރަކުވެސް ސެމީ ފައިނަލާއި ހިސާބަށް ދަތުރުކޮށްފައިވެއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެ ރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެ ރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި މިއަންނަ މަހުގެ 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއި ދެކޮޅަށެވެ.