ޚަބަރު

މާލޭގެ ބްލޮކްތަކުގެ ވެރިންނަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި


މާލެ ސިޓީގައި އައްޔަންކުރާ ބުލޮކް ވެރިޔާއަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅުމުގެ އްދަތު އިތުރުކޮށްފިއެވެ. ކުރިން ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 16 އަށް އޮތްނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަމަހުގެ 17ވަނަ ދުވަހަށް އިތުރުކޮށްދީފައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންކަމަށެވެ. ކޮންމެ ބްލްކޮއަކަށް ވެރިއަކު އައްޔަން ކުރުމަށް ސިޓީ ކައުންސިލުން ނިންމަވާފައިވަނީ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައިއެވެ. ކޮންމެ ބްލޮކަކަށް ވެރިން އިންތަޚާބުކުރުމަށް ނިންމާފައިވަނީ އަންނަމަހުގެ ތެރޭގައެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މި އިންތިޚާބަށް ވާދަކުރެވޭނީ އެ ބްލޮކެއްގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށްކަމަށާއި ވަށްކަމާއި ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވާން ޖެހޭނެކަމަށެވެ. މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހްޤީޤުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހްޤީޤުގެ މަރުހަލާގައި ތަހްޤީޤު ކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

ނަމަވެސް ޖިނާއީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ޙުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވާ މީހުންނަށް ކުރިމަތިލެވޭނެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި އިންތިޚާބަށް އެއްވެސް އެހެން މަޤާމެއްގައި ހުރި މީހަކަށް ބައިވެރިނުވެވޭނެކަމަށާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަޤާމެއް ފުރާ ފަރާތެއް ކަމުގައިވެސް ނުވެވޭނެއެވެ.

މާލޭ ސިޓީގެ ބްލޮކުވެރިޔާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެޕްލިކޭޝަން ފޯމާއި 10 މީހުންގެ ސޮޔާއެކު ފޯމް ހުށައަޅަން ޖެހެއެވެ.