ޚަބަރު

ތިލަފުއްޓާއި ގުޅިފަޅުގައި، ކަރަންޓް ގުޅާލަން ޕަވަރ ޕްލާންޓްތަކެއް ހަދަނީ


ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖާއެކު މި ސަރަޙައްދުގެ ކަރަންޓް އެއްވިއުގައަކުން ގުޅާލުމަށްޓަކައި ތިލަފުއްޓާއި ގުޅިފަޅުގައި ޕަވަރ ޕްލާޓް ހެދުމާ ގުޅޭގޮތުން ސަރުކާރާއެކު މަޝްވަރާކޮށްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަހައްދުގެ ކަރަންޓް އެއްވިއުގައަކުން ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވަނީ ނިމިފައެވެ.

ސަރުކާރުން ފަށްޓަވާފައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެތެރެއިން މިދިޔަ މަހުގައިވަނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށްޓަކައި ހަދާ ބްރިޖްގެ މަސައްކަތް ކުރުމަށް އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗަރަށް ހަވާލުކޮށްފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދެއްވާފައިވެއެވެ. މި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ބްރިޖްއާއެކު އަނެއްކާވެސް މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ކަރަންޓް އެއްވިއުގައަކުން ގުޅާލުމުގެ ދަވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ވަނީ ނިންމާފައެވެ. މިގޮތުން ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެއާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓްގެ އެއްވިއުގައަކުން ގުޅާލިފަދައިން މި ސަރަޙައްދުގައިވެސް އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވީ މާލެ ސަރަޙައްދު ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށްޓަކައި ތިލަފުއްޓާއި ގުޅިފަޅުގައި ޕްވަރޕްލާންޓްތައް އެޅުމަށް މަޝްވަރާތައް މިހާރު ކޮށްފައިވާކަމަށެވެ. އަދި މި ދެތަނުގައި ޤާއިމްކޮށްފައިވާ ޕަވަޕްލާންޓްއިން އުފައްދާ ހަކަތައިން މި ސަރަޙައްދު އެއްކޮށް ކަރަންޓްގެ އެއްވިއުގައަކުން ގުޅާލެވޭނެކަމަށެވެ. ގުޅިފަޅާއި ތިލަފުއްޓަކީ ދިގުމުއްދަތަކަށްވެސް ސިނާޢީ މަސައްކަތް ކުރުމަށް އެންމެ ރަނގަޅުތަންކަން ފާހަގަކުރައްވާ މުޢުނީ ވިދާޅުވީ މި ޕްލާންޓްތަކާއެކު ބްރިޖް މެދުވެރިކޮށް ކޭބަލްތައް ކަނެކްޓްކޮށްލެވޭނެކަމަށެވެ.

މާލެ ސަރަޙައްދު ކަރަންޓްގެ އެއްވިއުގައަކުން ގުޅާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.