ޚަބަރު

އަނެއްކާވެސް ކޯވިޑްގެ ޕޮޒިޓިވް ޢަދަދު 100އިން މައްޗަށް


ރާއްޖެއިން އިތުރު 162 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 4 ދުވަހަށްފަހު އަނެއްކާވެސް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިވަނީ 100އިން މައްޗަށް އަރާފައެވެ. ކޯވިޑްގެ ޢަދަދުތައް އުޅެނީ 100އިން ދަށުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 24 ގަޑިއިރުތެރޭގައި 162 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 49 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުންވެސް ޕޮޒިޓިވްވި 106 މީހުންނެވެ. އަދި ރިސޯޓްތަކުން 6 މީހުން ޕޮޒިޓިވްވިފައިވާއިރު ސަފާރީތަކުންވެސް އެކަކުވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 83،494އަށް އަރާފައެވެ. ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދާ 1708 މީހުންގެ ތެރެއިން 23 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 140 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81544 އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5195 ސާމްޕަލް ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 229 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.