ޚަބަރު

ފަތުރުވެރިކަން ބޮއިކޮޓް ކުރުމާ ދެކޮޅު ބިލް އަނބުރާ މަޖިލީހަށް


ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ‏"ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލުމާއި ދިވެހިރާއްޖެއަށް ދަތިކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލު"‏ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި، ‏‏‏އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި‏އެވެ.ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ މައްސަލަތަކަށް ތަފްޞީލުކޮށް ބައްލަވާލައްވާފައިވެއެވެ. މިގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި، ދިވެހިރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން، ފަދަ އެންމެހައި މަސައްކަތްތައް ހިމެނިފައިވާތީ، މި ބިލުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަދަ އަސާސީ ޙައްޤުތައް ވަރަށް ފުޅާކޮށް ހިފެހެއްޓިފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.ރައީސުލް ޖުމްހޫރިއްޔާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވެވި މިބިލުގައިވާގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މިފަދަ ކަމަކަށް ގޮވާލައި ހިތްވަރުދިނުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރިފަރާތުގެ މައްޗަށް މަދަނީ ދަޢުވާކުރެވިދާނެއެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި، ރާއްޖެއަށް ދަތިކުރުމަށް ގޮވާލައި، އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަރާތެއް ދެ އަހަރާއި ދިހަ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭބަންދުގައި ބެހެއްޓުމުގެ އަދަބު ކަނޑައެޅުމަށް ބިލުގައި ބަޔާންކުރައްވާފައިވެއެވެ. އަދި އެފަރާތެއް އެކަމެއްގައި ބައިވެރިވި ނިސްބަތަކަށް ބަލައި ފަސްސަތޭކަ ހާސް ރުފިޔާއާއި، ފަސް މިލިއަން ރުފިޔާއި ދެމެދުގެ ޢަދަދަކަށް ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބިލްގައިވެއެވެ.