އާބާދީގައި ދެހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކ.މާފުއްޓަކީ، އެރަށުގައި ފުޅާ ދާއިރާއެއްގައި ހިންގާ ފަތުރުވެރިކަމުގެ ވިޔަފާރިއާއެކު ރަށުން ބޭރުގެ އެތައްބަޔަކުވެސް ދިރިއުޅޭ ރަށެކެވެ. އެގޮތުން ފަސް ހާހަށްވުރެ މީހުން އެރަށުގައި އުޅެއެވެ.
މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާ އެއްރަށެވެ. އަދި އެރަށުގައި މި ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީވެސް ބިމުގެ ޖާގައިގެ ދަތިކަމެވެ.
މާފުށީގެ ބިން ފުރި ގޯތި ދޫކުރުމަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން އެރަށުގެ ބިން ހިއްކައިދިނުމަށް އެރަށުގެ ރައްޔިތުންވަނީ ވޭތުވެދިޔަ އެތައް ސަރުކާރެއްގައި ދަންނަވާފައެވެ. އެހެންނަމަވެސް އެއްވެސް ސަރުކާރަކުން މިކަމަށް މާ އެދެވޭ އިޖާބައެއް ދެއްވާފައެއް ނުވެއެވެ.
އެހެންނމަވެސް މި ކަންބޮޑުވުން މިއީ މާޒީއަށްވެ، މިހާރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ އެރަށުން ބިން ހިއްކުމަށް ވަޢުދު ވެވަޑައިގެންފައެވެ. ސަރުކާރުން މިހާރުވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެން އެރަށުގައި 25 ހެކްޓަރުގެ ބިން ހިއްކާފައެވެ. ބިން ހިއްކުމާއެކު އެރަށުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޯވިޑްގެ ސަބަބުން މާފުށީގެ މަސައްކަތް ވަރަށްބޮޑަށް ލަސްވެގެން ދިޔަކަމަށެވެ. ސަބަބަކީ މަސައްކަތް ކުރަން ބޭނުންވާ އެކިއެކި ސާމާނު މާފުއްޓަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވުންކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ގިނަ ޤައުމުތައް ދިގުމުއްދަތަކަށް ލޮކްޑައުން ކުރުމާ ގުޅިގެން ތަކެތި ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެގޮތުންވެސް ބިން ހިއްކާ އެސަރަޙައްދު ޙިމާޔަތްކުރުމުގައި ބޭނުންކުރާ ބޮޑު ހިލަ ލިބުމުގައި ކުރިމަތިވި ދަތިތައް އާޒިމްވަނީ ފާހަގަކުރައްވާފައެވެ.
"ބިން ހިއްކާ މެއިން އައިލެންޑްގެ މަސައްކަތް މިމަހުގެ ތެރޭ ނިންމާލެވޭނެ. އަދި ޕިކްނިކް އައިލެންޑްގެ މަސައްކަތުގެ އީއައިއޭގެ މަސައްކަތް މިމަހު ނިމޭނެ. ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމަށް އެމްޓީސީސީގައި މިހާރު ހުރި ވަޞީލަތްތައް ބޭނުންކޮށްގެން ގާތްގަނޑަކަށް 45 ދުވަސްތެރޭ ނިންމާލެވޭނެ." އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ މާފުށީ ބިން ހިއްކުމާއި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުތެރޭ ނިންމާލާނެކަމަށެވެ.
މާފުށީ ކައުންސިލްގެ ރައީސް ޙަސަން ސަލާޙު ވިދާޅުވީ މާފުށީ ބިންހިއްކާ ނިމުމާއެކު ގޯތި ދޫކުރަން ފަށާނެކަމަށެވެ.
"އަޅުގަނޑުމެންގެ ޢުމުރުން ވީހާ ދުވަސް މިވަނީ ބިން ހިއްކާވާހަކަތައް އަޑުއަހާއަހާ. މިއަދު މިމަސައްކަތް ނިމިގެންދާތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި މިމަސައްކަތް ނިމުމާއެކު ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނަން." ޙަސަން ސަލާޙު ވިދާޅުވިއެވެ.
މާފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި މިސަރަޙައްދު ޙިމާޔަތްކުރުމަށް 1100 މީޓަރުގެ ސަރަޙައްދެއްގައިވަނީ ރިވެޓްމަންޓް ޖަހާފައެވެ. މީގެއިތުރުން އީއައިއޭ ހުއްދަ ލިބުމާއެކު 1.72 ހެކްޓަރުގެ ޕިކްނިކް އައިލެންޑްގެ މަސައްކަތްވެސް އެމްޓީސީސީއިން އަންނަނީ ތައްޔާރުވަމުންނެވެ.