ޚަބަރު

އިޙުތިރާމްކުރުމުގެ ޘަޤާފަތެއް ރާއްޖޭގައި އަށަގަންނަވަންޖެހޭ


އިޙުތިރާމްކުރުމުގެ ޘަޤާފަތް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމަށް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ޤައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިއަހަރުގެ އިންސާނީ ޙައްޤުތަކާބެހޭ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވަކިވަކި ފަރުދުންނާއި، މުޖުތަމަޢާއި، ދައުލަތުގެ ޙައްޤުތަކަށާއި ޒިންމާތަކަށް އިޙުތިރާމްކުރުން ދިވެހި މުޖުތަމަޢުގައި އަށަގަންނުވަންޖެހޭ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އޭގެ ސަބަބުން އިންސާނީ ޙައްޤުތައް ކުރިއެރުވުމަކީ އާންމު ދިރިއުޅުމުގެ ބަޔަކަށް ވެގެންދާނެ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ޤާނޫނީގޮތުން ހެދިފައިވާ ނިޒާމުތަކާއި އޮނިގަނޑުތައް ހުރުން މުހިންމު ނަމަވެސް، މިފަދަ އުސޫލުތަކަކުން އެކަނި ނުފުދޭނެކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި، އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ، ދިވެހި ރައްޔިތުން ބާރުވެރި ކުރުވައި، އެމީހުންގެ ބޭނުންތައް ފުއްދައިދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަންކަމުގައި އަމިއްލަ ވިސްނުމާއި ޤާބިލިއްޔަތު ބޭނުންކުރެވޭނެ ފުރުޞަތުތައް ރައްޔިތުންނަށް ތަނަވަސްކޮށްދެއްވުން ކަމުގައި ވިދާޅުވެފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގައާއި ބައިނަލްއަޤްވާމީ ގޮތުން ހެދިފައިވާ ޤާނޫނުތައް ތަންފީޒުކޮށް، މުޖުތަމަޢު ބަލައިގަންނަ އުސޫލުތަކެއްގެ ގޮތުގައި މިކަންކަން ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް ފާހަގަ ކުރައްވާފައިވެއެވެ.