ވިޔަފާރި

އައްޑޫގައި ކޮމިއުނިޓީ ފާމިންގ މަޝްރޫޢެއް ހިންގަނީ


ޔޫއެންޑީޕީގެ ގްލޯބަލް އެންވަރަންމަންޓަލް ފެސިލިޓީގެ ދަށުން އައްޑޫގައި ކޮމިއުނިޓީ ފާމެއް ޤާއިމުކޮށް ދަނޑުވެރިން ތަމްރީނު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލާއި، ދިވެހި ޤައުމީ ޔުނިވާސިޓީއާއި، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް އަދި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ކުރިއަަށް ގެންދާ މިމަޝްރޫޢުގެ ދަށުން 19 ގްރީން ހައުސް ޤާއިމު ކުރެވޭނެއެވެ. އަދި މިއިން ކޮންމެ ގްރީންހައުސް އަކަށް 1000 އަކަފޫޓުގެ ބިމެއް ކަނޑައެޅިފައި ވެއެވެ. މިމަޝްރޫޢާއި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިކަމަށްޓަކައި އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ.

މިއެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީފް ވިދާޅުވީ ޤައުމީ ޔުނިވާސީޓީން މިކަމުގައި ތެރެއަށް އެންމެ ފުރަތަމަ ބައިވެރިވާން އޮތީ ފަންނީ ދާއިރާން ކަމުގައިވީ ނަމަވެސް، މިއަށް ވުރެ ބޮޑު ހިއްސާއެއް ޔުނިވާސީޓިގެ ފަރާތުން ދޭން ބޭނުންވި ކަމަށެވެ. އެގޮތުން މިހާރު މިމަޝްރޫޢު ހިނގާނީ އައްޑޫގައި ޔުނިވާސިޓީއަށް ލިބިފައިވާ ބިމުގެ އެއްބައިގަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގައި ޔުނިވާސިޓީގެ ފަންނީ އަދި މާލީ އެހީތެރިކަންވެސް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަޝްރޫޢުގައި އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ޑަބްލިއުޑީސީން ވިދާޅުވީ، އެކޮމެޓީގެ 3 ގްރީން ހައުސްއެއް މިމަޝްރޫޢެގެ ތެރޭގައި ހިންގާނެ ކަމަށެވެ. އަދި މީގެ ތެރެއިން 1 ގްރީން ހައުސް ބަލަހައްޓާނީ ސީދާ އެކޮމެޓީން ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ލިޔެކިއުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މަޝްރޫޢު ކުރިއަށް ދަނީ އައްޑޫގައި މިހާރު ތިބި ދަނޑުވެރިންވެސް ހިމަނައިގެން ކަމަށް އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް އޭޕީސީން ބުނެއެވެ.

މިމަޝްރޫއާއި ގުޅޭ ގޮތުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، އައްޑޫގައި ދަނޑުވެރިކަން ކުރެވެނީ ޕްލޭން ކުރެވިގެން ނޫން ކަމާށާއި ނަމަވެސް، މި ފެށުމާއި އެކު މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތް ކަމަށެވެ.

" އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް އައްޑޫގައި ދަނޑުވެރިކަން ކުރެވެނީ ޕްލޭން ކުރެވިގެން ނޫން ކަމަށް. ޕްލޭނެއް ހުށަހަޅާ އެހީތެރިވާ ބަޔަކުވެސް ނެތް. ނަމަވެސް މިފެށުމާއި އެކު މިދެންނެވި ކަންކަމަށް ބެލެހެއްޓިގެން ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިކަން ކުރުމުގައި ދަނޑުވެރިންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވިގެން އަދި ރަނގަޅަށް ޕްލޭން ކުރެވިގެން. އަދި ރަނގަޅު މާހައުލްތަކެއް ގެނެވިގެން އެކަން ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތުގައި އެކަން ކުރެއްވިއްޖެއިޔާ ކާމިޔާބު ވާނެ. އަދި މާކެޓު ކުރުމަށް ވެސް، އަދި މާކެޓު ކުރުމަށްވެސް މިކަމުގެ ފުރުސަތު ތަކެއް ހުޅުވިގެން މިދަނީ. " ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި މިމަޝްރޫޢު ފެށިގެން ދާއިރު ދަނޑުވެރިންނަށް ތަމްރީނު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިމަޝްރޫޢުގެ ފުރަތަމަ ދެ އަހަރު ތެރޭ 80 ދަނޑުވެރިން ތަމްރީނު ކުރާނެއެވެ. އޭގެ ތެރޭގައި މިހާރު ދަނޑުވެރިކަން ކުރާ 40 ފަރާތަކާއި އަދި އަލަށް ދަނޑުވެރިކަމަށް ނިކުންނަ 40 ފަރާތެއް ހިމެނޭނެނެއެވެ. އެގޮތުން 40 ސްކޫލު ކުދިންނަށް ފުރުސަތު ދީ ތްމްރީނު ކުރެވޭނެ ކަމަށް އައްޑޫ ޕީޕަލް ކޯޕަރޭޓިވް އިން ބުނެއެވެ. މީގެ އިތުރުން މީގެ ތެރެއިން 40 ޖާގަ ހާއްސަ އަންހެނުންނަށް ހާއްސަ ކުރޭވެނެ ކަން އޭޕީސީން ވަނީ ހާމަކުރައްވާފައެވެ.

މިމަޝްރޫޢުގެ ދަށުން އެތަނުގައި ހައްދާނީ ސަރުކާރުގެ ކާނާގެ ޔަޤީން ކަމުގެ ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ 17 ބާވަތުގެ ތެރެއިން ބާވަތްތަށް ކަމަށް އޭޕީސީން ވިދާޅުވެއެވެ. އަދި ފުރަތަމަ ފަށައިގަންނަ އިރު އޭގެ ދެ ބާވަތެއް ހެއްދުމަށް މަސައްކަތް ކުރާނެ ކަމަށާއި އަދި ކުރިއަށް ދާވަރަކުން 4 ބާވަތަކަށް އާމާޒު ކުރާނެ ކަމަށް އޭޕީސީން ވިދާޅުވެއެވެ.