އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އެކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ހުށައެޅި މައްސަލަ ކްރިމިނަލްކޯޓުން ބަލައިގެންފިއެވެ. އެމްއެމްޕީއާރްސީން ރަށްތަކެއް ދޫކޮށް އެރަށްރަށުން ލިބުނު ފައިސާއަށް ވީ ނުވީއެއް ނޭގުނުކަމަށް ބުނާ މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރުމުގެ ދަޢުވާއެވެ. ޒިޔަތާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ޚިޔާނާތުގެ ދަޢުވާއެވެ. މި ދެ ދަޢުވާއަކީ އާ ޤާނޫނުލް އުޤޫބާތުގެ ދަށުން ކޯޓަށް ހުށައެޅުނު ފުރަތަމަ މައްސަލައެވެ.އަދީބްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓުއަރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް މާލެ އަތޮޅުގެ ފަޅެއް ރާއްޖެއިން ބޭރުގެ ބަޔަކަށް ދޫކުރުމަށްފަހު ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައެވެ.އެމްއެމްޕީއާރްސީން ޤަވައިދާ ޚިލާފަށް ރަށްތަކާއި ފަޅުތައް ދޫކޮށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ވީނުވީއެއް ނޭގުނު މައްސަލައިގައި އަދީބާއި އޭނާ އާއި ގާތްގުޅެއް އޮންނަ ޒިޔަތާއި ދެކޮޅަށް ދައުވާކުރަން ފޮނުވާފައިވާއިރު އޭސީސީންވެސް ދަނީ އެ މައްސަލަ ތަޙްޤީޤްކުރަމުންނެވެ.ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކުރުމަށްވެސް ޕީޖީ އޮފީހުންވަނީ ކޯޓަށް ހުށައަޅާފައެވެ. އަދީބު ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ އެ މައްސަލަ ބެލުމަށް ކްރިމިނަލްކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއްވެސް މިހާރު އެކުލަވާލާފައިވެއެވެ.