ޚަބަރު

ފައިނުގެ ރީތި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ފަށަނީ


ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ފާހަގަކުރެވުނީ، ގިނަ ރަށްތަކަކަށް އާދަޔާ ޚިލާފު ރަށްގިރުމުގެ މައްސަލަ ކުރިމަތިވި އަހަރެއްގެ ގޮތުގައެވެ. ދެ މޫސުން ބަދަލުވާއިރު ވޮޑެ ގިރުމަކީ ރާއްޖޭގެ ރަށްތަކުގައި ގުދުރަތީގޮތުން ކުރިމަތިވަމުން އައި ދަޢުރުކުރުމެކެވެ.

ނަމަވެސް މިދިޔަ އަހަރު ބައެއް ރަށްތަކަށް ވަނީ އާދަޔާއި ޚިލާފަށް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައެވެ. މީގެތެއިން އެއް ރަށަކީ ރ.ފައިނެވެ. އާދަޔާއި ޚިލާފަށް ރަށްގިރިމުގެ ސަބަބުން އެރަށު އިރުމަތީ ފަރާތުން 150 އެއްހާ ފޫޓުގެ ސަރަޙައްދެއް ގިރައިގެން ދިޔައެވެ. ރަށުގެ ހުރި ދުވަސްވީ ބޮޑެތި ގަސްތަކާ، އަދި މީހުން ދިރިއުޅޭ ގެތަށް ހުރި ސަރަޙައްދަށްވެސް އަސަރުކުރިކަމަށް ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވިއެވެ.

ފައިނަށް ރަށް ގިރުމުގެ މައްސަލަ އިތުރަށް ބޮޑުވެގެން ދިޔައީ ރަށުގެ ބަނދަރުގެ މަސައްކަތަށް ފަހުއެވެ. ފައިނު ކައުންސިލްގެ ރައީސް ވިދާޅުވީ ރަށްގިރާ ދުވަސްވަރު މިކަމަށް ވަގުތީ ޙައްލެއް ގެނައި ނަމަވެސް، މިހާތަނަށްވެސް ދާއިމީ ޙައްލެއް ލިބިފައި ނުވާކަމަށެވެ.

ސަރުކާރުން މިހާރު ވަނީ ފައިނުގެ ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ކައުންސިލްގެ ރައީސް މުސާ އުމަރު މަނިކު ވިދާޅުވީ މި މަސައްކަތް ކުރާއިރު، މިއީ ގުދުރަތީގޮތުން ރަށުގެ އެހެން ސަރަޙައްދުތަކަށް ގެއްލުން ނުވާނެގޮތަށް ސަރުކާރުން ދިރާސާކޮށްގެން، ކުރިއަށްގެންދާނެ މަޝްރޫޢެއްކަމަށް އުއްމީދުކުރައްވާކަމަށެވެ.

"މިދިޔަ އިރުވާގަ މީހުން ދިރިއުޅޭ ހިސާބާ ގާތަށްވެސް ގިރައިގެންދިޔަ. މިހާރު އޮތީ ވެލި އަޅާފަ އަނެއްކާވެސް. ކުރިންވެސް ގިރާއިރު ވެލި އަޅާ. އެކަމަކު އަޅާ ވެލިގަނޑު ޙިމާޔަތް ނުކުރާތީ އަނެއްކާވެސް ގިރަނީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފައިނަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ގުދުރަތީ ޚާއްސަ ކަންތައްތަކެއް ލިބިފައިވާ ރަށެކެވެ. ޚާއްސަކޮށް ރަށުގެ އަތިރިމަތީގެ ދޮން ވެލިގަނޑަކީ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތާއެކު މި ގުދުރަތީ ރީތިކަން ދެމެހެއްޓިގެންދާނެއެވެ.

ފައިނުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ގިރަމުންދާ ސަރަޙައްދަށް 8100 ކިއުބިކް މީޓަރުގެ ވެލި އެޅުމާ، 250 މީޓަރު ސަރަޙައްދުގައި ޖިއޯބޭގް ނުވަތަ ވެލި ބަސްތާ ޖަހައިގެން ޙިމާޔަތްކުރުން ހިމެނެއެވެ.

އެމްޓީސީސީން މިހާރުވަނީ މި މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައެވެ. އަދި ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މިއީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަނީ 6 މަސް ދުވަހުގެ ތެރޭގައެވެ.