ކުޅިވަރު

ސިފައިން ބަލިކޮށް މޯލްޑިވިއަން ޗެމްޕިއަންކަން ހޯދައިފި


ދިވެހި ސިފައިންގެ ކުލަބް ބަލިކޮށް ގައުމީ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މޯލްޑިވިއަން ރެކްރިއޭޝަން ކުލަބް ހޯދައިފިއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗް ދިވެހި ސިފައިންގެ ކްލަބާއި ވާދަކޮށް މޯލްޑިވިއަން ރެކްރިއޭޝަން ކްލަބް ހޯދީ ފުރަތަމަ ސެޓް ސިފައިން ހޯދާފައިވަނިކޮށް ފަހަތުން އަރާ ޖެހިގެންއައި ތިން ސެޓް ކާމިޔާބިކޮށްގެންނެވެ. މެޗުގެ ސެޓުތައް މޯލްޑިވިއަން ގެންދިޔައީ ފަންސަވީސް ސަތާރަ، ސަތާރަ ފަންސަވީސް، ބާވީސް ފަންސަވީސް އަދި އަށާރަ ފަންސަވީހުންނެވެ. މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަންޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ގައުމީ މުބާރާތުގެ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، މޯލްޑިވިއަން ރެކްރިއޭޝަން ކްލަބްގެ އިސްމާއިލް ސާޖިދެވެ. މުބާރާތުގެ އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، މޯލްޑިވިއަން ރެކްރިއޭޝަން ކްލަބްގެ ހުސައިން ވިޝާމެވެ.