ޚަބަރު

ބަލިމަޑުކަމުން އަރައިގަންނަން އދ.އިން މަސައްކަތް ކުރާނީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ތެދުވި ޢަޒުމްގައި: ޝާހިދު


ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއަށް ޙައްލެއް ގެނައުމަށް އދ.އިން މަސައްކަތް ކުރާނީ، މީގެ 76 އަހަރުކުރިން ދެވަނަ ބޮޑު ހަނގުރާމައަށްފަހު މަސައްކަތްކުރި ޢަޒުމްގައިކަމަށް އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދެއްވި ތަޤުރީރުގައި އަބްދުﷲ ޝާހިދު ވިދާޅުވީ، ވޭތުވެދިޔަ 18 މަހަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެކޭ ބުނުމަކުން އެދުވަސްތައް އެންމެ ފުރިހަމައަށް ބަޔާން ކުރެވުނު ކަމަކަށް ނުވާނެކަމަށެވެ.

ކޯވިޑް ބަލިމަޑުކަމުގެ ތެރޭގައި މިލިއަނުން މީހުން މަރުވެ، އެތައް ސަތޭކަ މިލިއަން މީހުން ބަލީގެ ޝިކާރައަކަށްވެ، އެތައް ބިލިއަން މީހުންގެ ދިރިއުޅުމަށް އެކަމުގެ އަސަރުކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ޤައުމުތަކުން ކުރިމަތިލީ ނަންބަރުތަކަކުން ނޫންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެއަށްވުރެ މާ ފުން، އިއާދަނުކުރެވޭ ވަރުގެ އަސަރުތަކެއް މިހާރު މިވަނީ އިޙުސާސްކޮށްފައިކަމަށެވެ.

"ލޯބިވާ ގާތްތިމާގެ މީހުން ވަނީ މި ދުނިޔެ ދޫކޮށްފައި، ލޮކްޑައުންގެ ސަބަބުން ފަރުދީ މިނިވަންކަމަށް ވަނީ ހުރަސްއެޅިފައި، ޢާއިލާއާއި ރަޙުމަތްތެރިންނާ ދުރުގައި ތިބުމަށް ވަނީ މަޖުބޫރުވެފައި، ހޮސްޕިޓަލްތައް ވަނީ ތޮއްޖެހި ނުކަތާވަރު ވެފައި، އިސް ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރިން ވަރުބަލިވެ، ބަލީގެ ނުރައްކަލަށް ހުށައެޅިގެން ދިޔަ، ގިނަ ބައެއްގެ ވަޒީފާ ގެއްލި، މިއަދާ ހަމައަށްވެސް ދަނީ މާލީގޮތުން ދަތިތަކާ ކުރިމަތިލަމުން، އަޅުގަނޑުމެން ތެރެއިން ކޮންމެ މީހަކު ވެސް އުޅެން ޖެހުނީ އަމިއްލަ ނަފްސާ މެދުގައްޔާއި، ގާތް މީހުންނާމެދު ކަންބޮޑުވެ ދާއިމީ ބިރުވެރިކަމެއްގެ ތެރޭގައި" ޝާހިދު ވިދާޅުވިއެވެ.

ކޮންމެ ފަރުދަކުވެސް ކޯވިޑް ބަލިމަޑުކަން ތަޖުރިބާ ކުރީ ތަފާތުކޮށްނަމަވެސް އެއް ކަންތައްތަކެއް އެންމެންވެސް އިޙްސާސްކުރިކަމަށާއި، އެގޮތުން؛ ހާސްވެ ބިރުގަތުމާއި، ހިތްނުތަނަވަސްވާ ކަންކަން އިތުރުވުމުގެ އިތުރުން، ހިތާމައާއި ނާއުންމީދު އިޙްސާސް ކުރަންޖެހުނިކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިން ތަޖުރިބާކޮށްފައި ނުވާފަދަ ކާރިސާއަކާއި ކުރިމަތިވީނަމަވެސް، އެވަބާގެ ސަބަބުން ހިތްހެޔޮކަމާއި، އިންސާނިއްޔަތުކަމުގެ ލާމަސީލު ނަމޫނާތަކެއްވެސް ފެނިގެން ގޮސްފިކަމަށާއި، އެއާއެކު އިންސާނިއްތަށާއި، ޤައުމުތަކުގެ އެއްބައިވަންތަކަމަށް ކުރެވޭ އުންމީދުއާވެ، އާލާވެގެން ގޮސްފައިވާތީ އެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

އެމަނިކުފާނު ރިޔާސަތަށް ޚާއްސަކޮށްފައިވަނީ އުންމީދުގެ ތަޞައްވުރުކަމަށާއި، އެގޮތަށް ދަންނަވަނީ، އުންމީދަކީ މި ދަނޑިވަޅަށް އެންމެ މުނާސަބު އިޙްސާސްކަމަށް ވާތީކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އޮތްހައިވެސް އެއްޗަކީ އުންމީދު. އަދި އެކަކު އަނެކެއްގެ ކިބައިން އުންމީދު ހޯދައި، ހިތްވަރާއެކު ކުރިއަށް ދިޔުން. މިއީ އަޅުގަނޑުމެންގެ ވާހަކަ ބައްޓަން ކުރަންޖެހޭ ގޮތަކީ. އަޅުގަނޑުމެންގެ ފަހަތުގައި ތިބި 7 ބިލިއަން މީހުންނަށް ދައްކައިދޭންޖެހޭ، އެމީހުންގެ ކަންބޮޑުވުންތައް އަޅުގަނޑުމެންނަށް އެނގޭކަން، އަޅުގަނޑުމެން މިތިބީ އަޑުއަހަން ކަން، އެ މައްސަލަތައް ޙައްލުކުރުމަށް އަޅުގަނޑުމެން މިތިބީ އެކުގައި މަސައްކަތްކުރަން ތައްޔާރަށް ކަން، އަދުގެ ކާރިސާއަށް ޙައްލެއް ގެނައުމަށް އދ. އިން މަސައްކަތް ކުރާނީ، މީގެ 76 އަހަރުކުރިން ދެވަނަ ބޮޑު ހަނގުރާމައަށްފަހު މަސައްކަތްކުރި ޢަޒުމްގައި ކަން" ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19 އިން އަރައިގަންނަމުންދާއިރު، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދޭނީ މުޅި ދުނިޔޭގެ އެންމެން ވެކްސިން ފުރިހަމަކުރުމުގެ މަގުފަހި ކޮށްދިނުމަށާއި، ވެކްސިން ލިބުމަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ގެންނަންކަމަށެވެ.

އދގެ 76 ވަނަ ސެޝަން ފަށާއިރު، އިންސާނީ ކަރާމަތާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަކީ އެ ސެޝަންގެ ކޮންމެ ހިސާބެއްގައިވެސް މައިގަނޑު އަސާސް ކަމުގައި ވާނެކަމަށާއި، މިންތީގެ ހަމަހަމަކަށްޓަކައި ޖެންޑާ އެޑްވައިޒަރީ ބޯޑު އަލުން އެކުލަވައިލުމަށް ގަސްދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.