ޚަބަރު

އިތުރު 120 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެ


ރާއްޖެއިން އިތުރު 120 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 83,000އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 120 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 48 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 66 މީހުންގެ އިތުރުން ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 6 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 83,070އަށް އަރާފައެވެ.

ކޯވިޑް19އަށް މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1881އެވެ. މީގެތެރެއިން 18 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 175 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 80949އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 4729 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކުރިން ކޯވިޑް-19އަށް ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވްވަމުން އައީ މާލެ ސަރަޙައްދުގައެވެ. ނަމަވެސް އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ. ކޭސްތައް ފެނުމާއި ގުޅިގެން 18ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.