ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ ޖެޓް އެއަރވޭސްއިން އެތެރޭގެ އުދުހުންތައް ފަށަނީ


އިންޑިއާގެ ޖެޓް އެއަރވޭސްއިން އެތެރޭގެ އުދުހުންތައް އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ފަށަން ނިންމާފައިވާ ކަމަށް އެއަރވޭސްއާ މިހާރު ހަވާލުވެފައިވާ ޖެލެން ކްރޮލިކް ކޮންސޯޓިއަމް އިން ބުނެފިއެވެ. އެއަރލައިންގެ ފުރަތަމަ ދަތުރު ކުރާނީ ނިއު ދިއްލީން މުމްބާއީއަށެވެ.

އެގޮތުން އެއަރ އޮޕަރޭޓަރ ސެޓްފިކެޓާއިއެކު ޖެޓް އެއަރވޭސްގެ އުދުހުންތައް އަލުން ފެށުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް ޖެލެން ކްރޮލިކް އިން ބުނެއެވެ.

މިކަމާއި ގުޅިގެން ޖެލެން ކްރޮލިކްގެ ލީޑް މެމްބަރު އަދި ޖެޓް އެއަރވޭސްގެ ނޮން އެގްޒެކެޓިވް ޗެއަރމަން މުރާރީ ލާލް ޖަލަން ވިދާޅުވީ ނޭޝަނަލް ކޮމްޕެނީ ލޯ ޓްރައިބިއުނަލް (އެންސީއެލްޓީ) ގެ ހުއްދަ މިދިޔަ ޖޫން މަހު އެއަރލައިނަށް ލިބިފައިވާ ކަމަށާއި މިއާއިއެކު އުދުހުންތައް އަލުން ފެށުމަށް ކަމާއިބެހޭ އިދާރާތަކާއިއެކު ވަރަށްކައިރިން މަސައްކަތްކުރަމުންދާކަމަށެވެ. މީގެއިތުރުން މިހާރު ރާވާފައިވަނީ ތިން އަހަރު ތެރޭގައި 50 އަށްވުރެ ގިނަ ބޯޓާއި 5 އަހަރު ދުވަހުގެ ތެރޭގައި 100 އެއްހާ ބޯޓު ގެނައުމަށްކަމުގައިވެސް މުރާލީ ވިދާޅުވިއެވެ.

މީގެއިތުރުން އެންސީއެލްޓީގެ ހުއްދަ ލިބުމާއިއެކު އުދުހުންތައް ފެށުމުގެ މަސައްކަތް ކުރަމުންދާއިރު ފައިސާ ދައްކަންޖެހޭ ހުރިހާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ މަސައްކަތްވެސް އަންނަ މަހު ފަށާނެ ކަމަށް ޖެލެން ކްރޮލިކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފައިސާގެ ދަތިކަން ކުރިމަތިވެ ދަރަނި އިތުރުވެ އެތައްބައެއްގެ ވަޒީފާގެއްލުމުގެ ސަބަބުން އިންޑިއާގެ އެންމެބޮޑު ޕްރައިވެޓް އެއަރލައިންގެ ގޮތުގައި އެއް އިރެއްގައި އޮތް ޖެޓް އެއަރވޭސްގެ އުދުހުންތައް 2019 ވަނަ އަހަރު ވަނީ ހުއްޓާލާފައެވެ. އޭގެފަހުން އުދުހުންތައް އަލުން މި ފަށަނީ 3 އަހަރު ވަންދެން ގްރައުންޑްކޮށްފައި އޮތުމަށްފަހުއެވެ.

މިއާއިއެކު މިހާރުވެސް ޕޭރޯލުގެ ދަށުން 150 އަށްވުރެ ގިނަ މުވައްޒަފުން އެއަރލައިންގެ ވަޒީފާތަކަށް އައްޔަންކޮށްފައިވާ ކަމަށާއި އަދި ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި އިތުރު 1000 މުވައްޒަފުން އައްޔަންކުރާނެ ކަމަށްވެސް ކުންފުނިން ބުނެއެވެ.
އެތެރެއާއި ބޭރުގެ އުދުހުންތަކުގައި މީގެކުރިން ޖެޓް އިން ވަނީ 120 އަށްވުރެ ގިނަ ބޯޓު ބޭނުންކޮށްފައެވެ. ޖެޓް އެއަރވޭސްގެ ބައެއް ބޭރުގެ މަޝްހޫރު މަންޒިލްތަކުގެ ތެރޭގައި ދުބާއީ، ސިންގަޕޫރު އަދި ލަންޑަންވެސް ހިމެނެއެވެ.