ޚަބަރު

އދ.ގެ ރިޔާސަތާ މިނިސްޓަރ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވަނީ


އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިރޭ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު، މިހާރު ކުރިއަށްދާ 75 ވަނަ ސެޝަންގެ އެންމެ ފަހު ދަންފަޅި ކުރިއަށްދާނެކަމަށެވެ. އަދި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ފަށައި، ރިޔާސަތާ މިނިސްޓަރ ޝާހިދު ހަވާލުވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަދުވަހުއެވެ. މަޤާމާ ހަވާލުވެވަޑައިގަތުމަށް ވަޑައިގެންނެވުމަށްފަހު މިނިސްޓާރ ޝާހިދު ވަނީ 35އަށްވުރެ ގިނަ ޤައުމަކުން އދ.ށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވާފައެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.


އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމަށްފަހު، ޢާންމު މަޖިލީހުގެ އިންތިޚާބީ ރައީސެއްގެ ހައިސިއްތުން މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރު ކުރައްވާފައެވެ.

މިދަތުރުފުޅުތަކުގައި، ޔޫއެންގެ ރިޔާސަތުގައި ކުރައްވާނެ މުހިންމު މަސައްކަތްތަކުގެ އިތުރުން ޝާހިދުވަނީ، މިގައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހި ކުރުމުގެ އިތުރުން، މި ގައުމުތަކުން ރާއްޖެއަަށް ބޭނުންވާ އިތުރު އެހީތައް ހޯދުމަށްވެސް ގައުމުތަކާ އެކީ މަޝްވަރާ ކުރައްވާފައެވެ.

އދ.ގެ ޢާންމު މަޖިލީހަކީ 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހެވެ. މިއީ އދ.ގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ. އަދި މި މަޖިލީހަކީ ދުނިޔޭގެ ހުރިހާ ގައުމަކުން ތަމްސީލުކުރާ ދަރުބާރަކަށް ވުމާއެކު، މިއީ ދުނިޔޭގެ ގައުމުތަކަށް ކުރިމަތިވާ ތަފާތު މައްސަލަތަކާމެދު ބަހުސްކުރެވޭ، އަދި އެވަގުތެއްގެ ދުނިޔޭގެ ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ވަރަށްވެސް ރަނގަޅަށް ތަމްސީލުކޮށްދޭ މަޖިލީހެކެވެ. އާންމު މަޖިލީހުން، އދ.ގައި އަދާކުރާ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ލަފާގެމަތިން، ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމާއި، ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ނޫން މެމްބަރުން އައްޔަން ކުރުމާއި، އދ.ގެ ބަޖެޓު ފާސްކުރުން ހިމެނއެވެ.