ސިއްހަތު

ނަރުހުން ތަމްރީންކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކޮލަރޝިޕް ފުރުޞަތުތަކެއް


ނަރުހުންގެ ދާއިރާއިން ޚާއްސަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ "ނަރސިންގ ސްކޮލަރޝިޕް ޕްރޮގްރާމް" ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާގުޅިގެންނެވެ. މި ޕްރޮގްރާމުގެ ތެރެއިން ނަރުހުންގެ ދާއިރާއިން ޑިޕްލޮމާ އަދި އަންޑަރ ގްރެޖުއެޓް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ވިލާ ކޮލެޖުން ހިންގާ ބީއެސްސީ (އޮނާސް) ނަރސިންގ (އިންޓަރނޭޝަނަލް) ޓޮޕް-އަޕް، ސެޕްޓެމްބަރ 2021 އިންޓޭކް، ޑިޕްލޮމާ އިން ނާރސިންގ 2021 އިންޓޭކަށް ހުށަހަޅާ ދަރިވަރުން ސްކޮލަރޝިޕަށް ކުރިމަތިލުމުން ޓްރީ ޓޮޕް ހޮސްޕިޓަލުން ސްޕޮންސަރކޮށްދޭނެއެވެ.

މީގެ ތެރެއިން ބީ.އެސް.ސީ ނަރސިންގ ޕްރޮގްރާމަކީ 2 އަހަރުގެ ޕްރޮގްރާމެކެވެ. އަދި ޑިޕްލޮމާ އިން ނަރސިންގ ޕްރޮގްރާމަކީ 3 އަހަރުގެ ޕްރޮގްރާމެކެވެ. މި ސްކޮލަރޝިޕްތަކަކީ ސިއްޚީ ދާއިރާއިން މަތީ ތައުލީމު ޙާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވެގެންދާނެ ފުރުޞަތެއްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިންނަށް އެކަންޏެވެ. އަދި ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރުމަށްފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވާންޖެހޭނެކަމަށާއި، އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް މި ޕްރޮގްރާމަށް ހުށަހެޅިދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލަރޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 17:00 ގެ ކުރިން ހުށަހެޅުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މިހާރު ފުރުޞަތު ހުޅުވާލާފައެވެ.