ކުޅިވަރު

ކޯވިޑާއެކު އުޅެން ކުޅުންތެރިން ދަސްކޮށްފި - ރާއްޕެ


ކޯވިޑް-19އިން ރައްކާތެރިވުމަށް ކުޅުންތެރިން އަޅަމުންދާ ފިޔަވަޅުގެ ނަތީޖާތައް ފެންނަމުންދާކަމަށް ގައުމީ ޓީމުގެ ޑޮކްޓަރު ޢަބްދުﷲ ރާފިއު (ރާއްޕެ) ބުނެފިއެވެ. މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުވަނީ ގަތަރުގައި ކޭންޕްކޮށްފައެވެ. ގައުމީ ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުން ގަތަރަށް ފުރުމުގެ ކުރިން ހެދި ޓެސްޓުތަކުންވެސް ހުރިހާ ކުޅުންތެރިން ވަނީ ނެގެޓިންވެފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ގަތަރަށް އައިސް ހެދި ޕީސީއާރް ޓެސްޓްތައްވެސް ވަނީ ނެގެޓިވްވެފައެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗްތަކަށް މިދިޔަ ޖޫން މަހުގައި ގައުމީ ތައްޔާރުމުންދިޔައިރު، ބައެއް ކުޅުންތެރިންނަށް ޓީމާއެކު ދަތުރުކުރެވިފައިނުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި ކޭންޕްގެ ތެރެއިން ޢަލީ އަޝްފާގް ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއަށް ކޮލިފައިންގެ ފުރަތަމަ މެޗްވެސް ގެއްލުނެވެ. ގައުމީ ޓީމުގެ ޑޮކްޓަރު ޢަބްދުﷲ ރާފިއު (ރާއްޕެ)ބުނީ ގައުމީ ޓީމްގެ ކުޅުންތެރިންނަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޢުލުމާތު ދީފައިވާނެކަމަށާއި މިކަމުގެ ފައިދާވެސް މިހާރު ފެންނަމުންފާކަމަށެވެ. ރާއްޕެ ބުނީ މިފަހަރު މާލޭގައި ގައުމީ ޓީމުގެ ކުޅުންތެރިން ފަރިތަކުރަމުންދިޔައިރު، ރާއްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ މާލެއިން ފުރުމަށް ހެދި ކޯވިޑް-19ގެ ޓެސްޓްތަކުން ކުޅުންތެރިން ނެގެޓިވްވުންކަމަށެވެ. ރާއްޕެބުނީ މިކޭންޕްގެ ސަބަބުން ކުޅުންތެރިން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ކުޅުންތެރިން ތައްޔާރުކުރުމަށް ގިނަ ފަސޭހަތަކެއް ވާނެކަމަށްވެސް ގައުމީ ޓީމުގެ ޑޮކްޓަރު ޢަބްދުﷲ ރާފިއު (ރާއްޕެ) ބުންޏެވެ.

"އެ ކަމަށް ފޯކަސް ކޮށްގެން ގިނަ ކަންތައްތަކެއް އެބަކުރެވޭ އޭގެ ތެރޭގައި ޖިމް ސެޝަންތަކެއް ވެސް ކުރިއަށް އެބަދޭ. މިސާލަކަށް އެންޑިއުރަންސް އާއި ޕަވާ އަށް ވޯކްކުރުމާ މި ހުރިހާ ކަމެއް އެބަދޭ. ދެން މި އޮންނަ ޓްރެއިނިން ސެޝަންގައި ދޭން ޖެހޭ އިރުޝާދު ކޯޗުން ދެމުން އެ އަންނަނީ. މި ހުރިހާ ކަމެއް ބްލެންޑް ވެގެން ބޭނުންވާ ހިސާބަށް ދެވޭނީ. ފޯކަސް ކޮށްގެން މި އަށް 100 ޕަސެންޓް ދެވޭނެ މާހައުލެއް މިއީ،" ރާއްޕެ ބުންޏެވެ.

ރާއްޕެ ބުނީ ކުޅުންތެރިންގެ ފިޓްނަސް އިމްޕްރޫވްވަމުން އަންނަކަމަށާއި ކުޅުންތެރިނަށް އަނިޔާނުވެ، އިންޓެންސިޓީ ހައި ކުރަމުން އަންނަމުންދާކަމަށެވެ. ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ މަހު 1 އިން 16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 1 ވަނަ ދުވަހު ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.