ކުޅިވަރު

ސާފް ޗެންޕިއަންޝިޕާއެކު ދިވެހިންނަށް އުފާވެރިކަން ގެނެސްދޭން ބޭނުން - ބައްސާމް


ކޯވިޑްގެ ސަބަބުން ދިވެހިންނަށް ދިމާވެފައިވާ ހިތްދަތިކަމުގެ ތެރެއިން ސާފް ޗެންޕިއަންޝިޕް މެދުވެރިކޮށް ދިވެހިންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދޭން ބޭނުންވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ބިޑްކޮށްފައިވަނީ ދިވެހި ސަރުކާރުގެވެސް ވަރަށް ބޮޑު އެއްބާރުލުމާއެކުއެވެ. މިބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ނޭޕާލާއި ވާދަކޮށްގެންނެވެ.

މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގެ ކެންޕޭން ރަސްމީކޮށް ލޯޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ދިވެހިން ވަރަށް ދަތިހާލުގައި އުޅެމުން ގޮސްފައިވާކަމަށާއި މިއާއެކު މިއީ މިފަދަ މުބާރާތެއް މާލޭގައި ބޭއްވުމަށް އެންމެ ރަނގަޅު ވަގުތުކަމަށް ގަބޫލް ކުރާކަމަށް ބައްސާމް ވިދާޅުވިއެވެ. ސާފް ޗެންޕިއަންޝިޕަކީ އަބަދުވެސް ދިވެހިންގެ ތެރޭގައި އުފާވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވާ، ދިވެހިންނަށް ވަރަށް ގާތް މުބާރާތެކެވެ. މިކަން އެންމެ ބޮޑަށް އެނގިފައިވަނީ ރާއްޖެއިން މިމުބާރާތުގެ ތަށި 2008ވަނަ އަހަރާއި 2018ވަނަ އަހަރު ހޯދައިގެން، ޓީމް ރާއްޖެއައުމާއެކު ދިވެހި ރައްޔިތުން ކީ މަރުހަބާއިންނެވެ.

ބައްސާމް ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހު ދިވެހި ރައްޔިތުން ވަރަށް އުނދަގޫ ދަތި ހާލުގައި އުޅެފިކަމަށާއި މިއާއެކު ދިވެހިންގެ އާންމު ދިރިއުޅުމަށްވެސް ބޮޑެތި ބަދަލްތަކެއް އައިސްފައިވާކަމަށެވެ. މުސްތަގްބަލަށް ވިސްނާއިރުގައި މިއީ މިފަދަ ބޮޑު މުބާރާތެއް ބޭއްވުމަށް އެންމެ މުނާސަބު ވަގުތުކަމާއި ދިވެހި ގައުމީ ޓީމާއި އެފްއޭއެމުން ބޭނުންވަނީ ސާފް ޗެންޕިއަންޝިޕާއެކު ދިވެހި ރައްޔިތުންގެ މޫނުތަކަށް އުފާވެރިކަން ގެނެސްދޭނެ މުބާރާތަކަށް ހަދަންކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ މިއީ ގައުމީ ޖޯޝާއި ރޫހު އާލާކުރަން ލިބޭ ފުރުސަތެއްކަމަށެވެ. 

"ގައުމީ ޓީމު ގަތަރުގައި ކޭމްޕްކޮށް މި މުބާރާތަށް ތައްޔާރުވަމުން ދާއިރު، ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުން،. އަޅުގަނޑުގެ އެދުމަކީ މިއަދުން ފެށިގެން ހުރިހާ ގެއެއްގައި ވެސް ގައުމީ ދިދަ ނަގައި، ގައުމީވަންތަ ޖޯޝުގައި ގައުމީ ޓީމަށް ހިތްވަރު ދިނުން. 12 ވަނަ ކުޅުންތެރިއާގެ ޖޯޝާއި ފޯރިއަކީ ކުޅުންތެރިންނަށް އަބަދު ވެސް ލިބޭނެ ހިތްވަރެއް." ބައްސާމް ބުންޏެވެ.

މީގެ އިތުރުންވެސް ބައްސާމްވަނީ މެޗްތައް ބެލުމަށް ސަޕޯޓަރުން ވެއްދުމަށް ބޭނުންވާކަން ހާމަކޮށްފައެވެ. ނަމަވެސް ސަޕޯޓަރުން ދަނޑަށް ވެއްދެންއޮތީ ހުރިހާ ރައްޔިތުންވެސް ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެންކަމަށްވާއިރު، ބައްސާމް ވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕް މާލޭގައި ކުރިއަށްދާނީ މިއަންނަ މަހުގެ 1 އިން 16 އަށެވެ. މިއީ ރާއްޖޭގައި މި މުބާރާތް ހޯސްޓްކުރާ ދެ ވަނަ ފަހަރެވެ. ނަމަވެސް ރާއްޖެ އެކަނި މުބާރާތް ހޯސްޓް ކުރާ ފުރަތަމަ ފަހަރުއެވެ.