ޚަބަރު

މާލެއިން 45 މީހުންނާއެކު ޖުމުލަ 128 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 128 މީހުން ކޯވިޑަށް ޕޮޒިޓިވެއްޖެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 82،900 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 128 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 45 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 69 މީހުންގެ އިތުރުން ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 14 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 82،950 އަށް އަރާފައެވެ.

ކޯވިޑް19އަށް މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1936 އެވެ. މީގެތެރެއިން 19މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 229 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 80774 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5317 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކުރިން ކޯވިޑް19އަށް ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވްވަމުން އައީ މާލެ ސަރަޙައްދުގައެވެ. ނަމަވެސް އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ. ކޭސްތައް ފެނުމާއި ގުޅިގެން 18 ރަށެއް މިވަގުތުވެސް އޮތީ މޮނިޓަރިންގައެވެ.